ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ލައްކައަކާ ކައިކުރާކަމަށް އިސްރާއީލުގެ ނޫހަކުން ބުނެފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނަސްލު ނައްތާލުމުު ގެ ހަނގުރާމައިގައި މިހާތަނަ ގާތްގަނޑަކަށް 100،000 ޕަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށާއި، މިއީ އެ ސަރަހައްދުގެ އާބާދީގެ ގާތްގަނޑަކަށް 4 އިންސައްތަ ކަމަށް އިސްރާއީލުގެ މަޝްހޫރު ނޫސް ‘ހާރެޓްޒް’ އިން ހުކުރު ދުވަހު ބުނެފިއެވެ.
މި އަދަދަކީ ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އަދަދާ މުޅިން ތަފާތު އަދަދެކެވެ. އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޝަހީދުވި މީހުންގެ އަދަދު ވަނީ 56,300 އަށް ވުރެ މައްޗަށް އަރާފައެވެ.
ހާރެޓްޒް’ ނޫހުން ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އިތުރުން، ޣައްޒާގެ ޞިއްޙީ ނިޒާމު މުޅިން ހަލާކުވެފައިވުމުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ފިނި، އަދި އެކި ބަލިމަޑުކަން ފަދަ ހަނގުރާމައިގެ ސީދާ ނުގުޅޭ އަސަރުތަކުގެ ސަބަބުންވެސް ގިނަ އަދަދެއްގެ މީހުން މަރުވެފައިވެއެވެ.
އިސްރާއީލުގެ ތަރުޖަމާނުންނާއި، ނޫސްވެރިން، އަދި އިންލުއެންސަރުން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ އެ އަދަދުތަކަކީ ބޮޑުކޮށްފައިވާ އަދަދު ތަކެއް ކަމަށް ބުނެ ވިސްނާލުމެއްނެތި ދޮގުކުރި ނަމަވެސް، ބައިނަލްއަޤްވާމީ ގިނަ މާހިރުން މިހާރު ބުނަމުންދަނީ އެ އަދަދުތަކަކީ އިތުބާރު ހުރި އަދަދުތަކެއް ކަމަށާއި، އަދި ހަޤީޤަތުގައި އެއީ އަސްލަށްވުރެ ކުޑަކޮށް ދައްކާފައިވާ އަދަދުތަކެއް ކަމަށް ވެދާނެ ކަމަށް ކަމަށްވެސް ‘ހާރެޓްޒް’ ގައިވެއެވެ.
އެ ނޫހުން ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންގެ ހޮލޮވޭ ކޮލެޖްގެ އިޤްތިޞާދީ އިލްމުވެރިއެއް އަދި ހަނގުރާމަތަކުގައި މީހުން މަރުވާ ރޭޓްތަކާ ބެހޭ ދުނިޔޭގެ ފެންވަރުގެ މާހިރެއް ކަމަށްވާ ޕްރޮފެސަރ މައިކަލް ސްޕަގަޓް ހެއްދެވި ދިރާސާއެއްގެ ނަތީޖާތައް ހާމަކޮށްފައެވެ.
އެ ދިރާސާގައި ޕަލަސްތީނުގެ 2,000 ގޭބިސީއެއް ސާވޭކޮށްފައިވާއިރު، އޭގައި ގާތްގަނޑަކަށް 10,000 މީހުން ހިމެނެއެވެ.
އެ ދިރާސާއިން ނިންމާފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ގާތްގަނޑަކަށް 75,200 މީހުން ވަނީ ހަނގުރާމައިގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ޝަހީދުވެފައެވެ. އޭގެ ތެރެއިން ގިނަ މީހުން ޝަހީދުވެފައިވަނީ އިސްރާއީލުގެ ހަތިޔާރުގެ ސަބަބުންނެވެ.
އެ ދިރާސާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޝަހީދުވި މީހުންގެ 56 އިންސައްތައަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނާއި އަންހެނުންނެވެ. ‘ހާރެޓްޒް’ އިން ބުނީ “މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ހިނގާފައިވާ އެހެން ހުރިހާ ހަނގުރާމައަކާ އަޅާބަލާއިރު އާދަޔާ ޚިލާފު އަދަދެއް” ކަމަށެވެ.
ޕްރޮފެސަރ ސްޕަގަޓް ވިދާޅުވީ، މި ދިރާސާގެ އަދަދުތަކުން ޣައްޒާގެ ހަނގުރާމައަކީ “21 ވަނަ ގަރުނުގެ އެންމެ ލޭއޮހޮރުވުން ގިނަ ހަނގުރާމަތަކުގެ ތެރޭގައި ހިމެނޭ ހަނގުރާމައެއް” ކަމަށް ސާބިތުވާ ކަމަށެވެ.
“ސޫރިޔާ، ޔޫކްރެއިން، އަދި ސޫދާނުގައި މަރުވި މީހުންގެ ޖުމްލަ އަދަދު އިތުރު ވާއިރު، ހަނގުރާމަވެރިންނާއި އާންމުންގެ ތެރެއިން މަރުވި މީހުންގެ ނިސްބަތަށް ބަލާއިރު، އަދި އާބާދީއާ އަޅާބަލާއިރު މަރުވާ ރޭޓަށް ބަލާއިރުވެސް ޣައްޒާ އޮތީ އެއްވަނައިގައިކަމަށް” އޭނާ ވިދާޅުވިއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޣައްޒާގައި އަނިޔާވެރި ގޮތަކަށް ޝހީދުވި އަންހެނުންނާއި ކުޑަކުދިންގެ ނިސްބަތް، ފަހުގެ ތާރީޚެއްގައި ހިނގާފައިވާ އެހެން ހަނގުރާމަތަކާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރެވެ. މިގޮތުން ކޮސޯވޯގައި އެ ނިސްބަތަކީ 20%، އުތުރު އިތިއޯޕިއާގައި 9%، ސޫރިޔާގައި 20% އަދި ސޫދާނުގައި 23% އެވެ.
“އަޅުގަނޑަށް ހީވަނީ މިހާރު އާބާދީގެ ގާތްގަނޑަކަށް 4 އިންސައްތަ މީހުން މަރުވެއްޖެހެން، 21 ވަނަ ގަރުނުގައި މިހާ ގިނަ އަދަދަކަށް މަރުވި އެހެން ހާދިސާއެއް އޮތް ކަމެއް އަޅުގަނޑަކަށް ނޭނގެ.” ސްޕަގަޓް ވިދާޅުވިއެވެ.


