ބޭރުދުނިޔެ

ޣައްޒާގައި ދިން ބޮމުގެ ހަމަލާއެއްގައި އިސްރާއީލުގެ ހަތް ސިފައިން މަރާލައިފި

ދެކުނު ޣައްޒާގެ ޚާން ޔޫނުސްގައި، އިސްރާއީލު ސިފައިން ދަތުރުކުރަމުން ދިޔަ އައްޑަނަ ހަރުކޮށްފައިވާ އުޅަނދަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި އެ ޤައުމުގެ މަދުވެގެން 7 ސިފައިން މަރުވެއްޖެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު، އެފީ ޑެފްރިން ބުދަ ދުވަހު ބުނީ، އަންގާރަ ދުވަހު ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އޮފިސަރަކުވެސް ހިމެނޭ ކަމަށެވެ. 

މިއީ މާރިޗު މަހު އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވި، އިސްރާއީލުން އަލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން، އިސްރާއީލު ސިފައިންނަށް ދެވުނު މިފަދަ ބޮޑު ފުރަތަމަ ހަމަލާއެވެ.

އިސްރާއީލްގެ ތަރުޖަމާނު މި ހާދިސާ ސިފަކުރީ “ވޭންދެނިވި އަދި އުނދަގޫ” ހާދިސާއެއްގެ ގޮތުގައެވެ. އޭނާ ބުނީ، މިކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އަދި އޭނާ އިތުރަށް ބުނީ، މި ސިފައިން ނިސްބަތްވާ ބެޓޭލިއަނުން ދިޔައީ ޣައްޒާގައި ހޮހޮޅަތައް ހޯދައި، ފަލަސްތީނުގެ ހަނގުރާމަވެރިން މެރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މީގެ އިތުރުން، އަންގާރަ ދުވަހު ހިނގި އެހެން ހާދިސާއެއްގައި އިސްރާއީލުގެ ސިފައިންގެ އެކެއްގެ ހާލު ދެރަވެފައިވާ ކަމަށްވެސް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.

ހަމާސް ޖަމާއަތުގެ އަސްކަރީ ގޮތްޕެއް ކަމަށްވާ އަލް-ޤައްސާމް ބްރިގޭޑްސްއިން ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ވަނީ، އަންގާރަ ދުވަހު ޚާން ޔޫނުސްގައި އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ހަމަލާދީފައިވާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close