
އިޒްރޭލުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށާއި އަސްކަރީ ސައިޓުތަކަށް ހަމަލާދީ، އިސް އަސްކަރީ ބައެއް އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ޝަހީދުކޮށްފިއެވެ. މި ހަމަލާތަކުގެ ސަބަބުން ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އުފެދިފައިވާއިރު، ތެހެރާނުން ވަނީ “ހަރުކަށި ރައްދެއް” ދޭނެ ކަމަށް ބުނެފައެވެ.
އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމެނާއީ ވިދާޅުވީ، މި ހަމަލާއަށްފަހު އިޒްރޭލަށް “ހިތި އަދި ވޭންދެނިވި” ނިމުމެއް ކުރިމަތިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، “ﷲގެ އިރާދަފުޅުން، އިސްލާމިކް ރިޕަބްލިކްގެ ހަތިޔާރު އެޅި ފައުޖުތަކުގެ ބާރުގަދަ އަތުން އިޒްރޭލު ސަލާމަތްވެގެން ނުދާނެ” ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ހުކުރު ދުވަހުގެ ފަތިހު ދިން ހަމަލާތަކުގެ މަގުސަދަކީ އީރާނުގެ ނިއުކްލިއަރ އިންފްރާސްޓްރަކްޗަރާއި ބެލިސްޓިކް މިސައިލް ފެކްޓަރީތަކަށް ގެއްލުން ދިނުން ކަމަށެވެ.
•ރާޖްދާނީ ތެހެރާނާއި އޭގެ ވަށައިގެންވާ އަސްކަރީ ސައިޓުތައް.• ނަތަންޒް ސިޓީ، މިތަނުގެ މައި ޔޫރޭނިއަމް އެންރިޗްމަންޓް ފެސިލިޓީގައި ގޮވުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
• ތަބްރީޒް ސިޓީ، މިތަނުގެ ނިއުކްލިއަރ ރިސާޗް ސެންޓަރަކާއި ދެ އަސްކަރީ ބޭސް ކައިރީގައި ގޮވުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
• ތެހެރާނުގެ ދެކުނުގައިވާ އިސްފަހާން ސިޓީ.
• ތެހެރާނުގެ ހުޅަނގު ދެކުނުގައިވާ އަރަކް ސިޓީ.
• ތެހެރާނުގެ ހުޅަނގުގައިވާ ކަރްމަންޝާހް ސިޓީ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، އީރާނުގެ ރާޖްދާނީގެ އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކަށް ގެއްލުންވެފައިވެއެވެ.
އިޒްރޭލުން ޝަހީދުކޮށްލީ ކޮން ބައެއް؟
އީރާނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިޒްރޭލުގެ ހަމަލާގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރު-އިން-ޗީފް ހޮސެއިން ސަލާމީ އާއި އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މުހައްމަދު ބާގިރީ ހިމެނެއެވެ.
ނޫރު ނިއުސް އިން ބުނީ، ޚާމެނާއީގެ އެޑްވައިޒަރު އަލީ ޝަމްޚާނީއަށް “ނުރައްކާތެރި ޒަޚަމްތަކަކާއެކު” އަނިޔާވެފައިވާ ކަމަށެވެ.
ތަސްނީމް ނިއުސް އިން ބުނާ ގޮތުގައި، ޚާތަމް އަލް-އަންބިޔާ ހެޑްކުއާޓާޒްގެ ކޮމާންޑަރު މޭޖަރ-ޖެނެރަލް ގޮލާމަލީ ރަޝީދު ވަނީ ޝަހީދުވެފައެވެ.
އަލް ޖަޒީރާގެ ތޯހިދު އަސަދީ، ތެހެރާނުން ރިޕޯޓުކުރަމުން ވިދާޅުވީ، އަސްކަރީ އޮފިޝަލުންގެ އިތުރުން، ދެ އިސް ނިއުކްލިއަރ ސައިންޓިސްޓުން ކަމަށްވާ ފަރީދޫން އަބާސީ އާއި މުހައްމަދު ތެހެރާންޗީ ވެސް ވަނީ އެހަމަލާ ގައި ޝަހީދުވެފައި ކަމަށެވެ. އަބާސީއަކީ އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ކުރީގެ ޗީފެވެ. އަދި ތެހެރާންޗީއަކީ އިސްލާމިކް އާޒާދު ޔުނިވަރސިޓީގެ ހެޑެވެ.
އީރާނުގެ ރައްޔިތުން ހުކުރު ދުވަހު ފަތިހު ހޭލިއިރު ފެނުނީ އެމީހުންގެ އަވަށްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކެވެ.
ޚާމެނާއީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިޒްރޭލުން އީރާނާ ދެކޮޅަށް “ނުބައި އަދި ލޭއޮހޮރުވުމުގެ ބޮޑު ކުށެއް” ކޮށްފައިވާ ކަމަށާއި، ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދީގެން އެ ގައުމުގެ ނުބައިކަން އިތުރަށް ހާމަކޮށްފައިވާ ކަމަށެވެ. “އެ ކުށަށް ހަރުކަށި އަދަބެއް ލިބޭނެ ކަމަށް އުންމީދުކުރަން،” އޭނާ ވިދާޅުވިއެވެ.
އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ ތަރުޖަމާނު އަބޫލްފަޒްލް ޝެކާރްޗީ އީރާނުގެ މީޑިއާގައި ވިދާޅުވީ، އިޒްރޭލުން ދިން ހަމަލާތަކަށް “ބޮޑު އަގެއް” ދައްކަން ޖެހޭނެ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އިޔާލް ޒަމީރު ބުނީ، ހުކުރު ދުވަހުގެ ހަމަލާއާއެކު އިޒްރޭލު ބަލި “ނުކުރެވޭނެ ހިސާބަކަށް” ވާސިލްވެފައިވާ ކަމަށެވެ. އީރާނަށް ދިން ފަތިހުގެ ހަމަލާތަކަކީ “އިޒްރޭލުގެ ވުޖޫދު ދިފާއުކުރުމުގެ ހަނގުރާމައެއް” ކަމަށެވެ. އަދި، އިޒްރޭލުން ހަމަލާދިނީ “އިތުރު ވަގުތެއް ބޭކާރު ނުކޮށް” ކަމަށެވެ. އޭނާ އިތުރަށް ބުނީ، “އިޒްރޭލާ ކުރިމަތިލާން މަސައްކަތްކުރާ ކޮންމެ މީހަކަށް ބޮޑު އަގެއް ދައްކަން ޖެހޭނެ” ކަމަށެވެ.
އިޒްރޭލުގެ އިދިކޮޅު ސިޔާސީ ފަރާތެއް ކަމަށްވާ ޔާއިރު ލަޕިޑް ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ހަމަލާއަށްޓަކައި މަރުހަބާ ކިޔާފައިވާ މެސެޖެއް ޕޯސްޓުކޮށްފައެވެ.
އީރާނާއި އެމެރިކާ މިހާރު ދަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ ގޮތުން މަޝްވަރާކުރަމުންނެވެ. މި މަޝްވަރާތަކުގެ މަގުސަދަކީ، އީރާނަށް ދީފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި، އެ ޕްރޮގްރާމް ހައްދުފަހަނަޅާ ނުދިއުމަށް އެއްބަސްވުމެކެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އިޒްރޭލުގެ ހަމަލާތަކުގައި ވޮޝިންޓަން ބައިވެރިވެފައި ނުވާ ކަމަށެވެ. “އީރާނަށް ނިއުކްލިއަރ ބޮމެއް ނުހެދޭނެ، އަދި އަހަރެމެން އުންމީދުކުރަނީ މަޝްވަރާ މޭޒަށް އަނބުރާ އާދެވޭނެ ކަމަށް. އަހަރެމެން ބަލާނަން،” ޓްރަމްޕް ވިދާޅުވިއެވެ. އަދި އީރާނުން ރައްދު ދީފިނަމަ އިޒްރޭލު ދިފާއުކުރުމަށް އެމެރިކާ އެހީތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުކުރު ދުވަހުގެ ހެނދުނު ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ޓްރަމްޕް ނިންމާފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.
ބަޔާނެއްގައި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވީ، މި އޮޕަރޭޝަންގައި އެމެރިކާ ބައިވެރިވެފައި ނުވާ ކަމަށެވެ. “އަހަރެމެންގެ އެންމެ އިސްކަމަކީ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިން ރައްކާތެރިކުރުން، އަހަރެން ސާފުކޮށް ބުނެލަން: އީރާނުން އެމެރިކާގެ މަސްލަހަތުތަކަށް ނުވަތަ މުވައްޒަފުންނަށް ހަމަލާދީގެން ނުވާނެ.” ރޫބިއޯ ވިދާޅުވިއެވެ.
އިދިކޮޅު ޑިމޮކްރެޓިކް ސެނެޓަރު ކްރިސް މާފީ ވިދާޅުވީ، އިޒްރޭލުގެ ހަމަލާތަކުގެ މަގުސަދަކީ ޓްރަމްޕް ސަރުކާރުން އީރާނާ އެކު ކުރަމުންދާ ޑިޕްލޮމެސީ “ހަލާކުކޮށްލުން” ކަމަށެވެ.
ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނުމުގެ ނުރައްކާ:
ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނުމުގެ ސަބަބުން ރޭޑިއޯއެކްޓިވް ލީކުވުމާއި، ގޮވުންތަކާއި، ދިގު މުއްދަތުގެ ކޮންޓެމިނޭޝަން ފަދަ އިޔާދަ ނުކުރެވޭނެ ގިނަ ނަތީޖާތަކެއް ކުރިމަތިވެދާނެއެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (IAEA) ގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވީ، އީރާނުގެ ހާލަތު އދ.ގެ މި އިދާރާއިން ގާތުން ބަލަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، ނަތަންޒް ސައިޓަކީ އިޒްރޭލުން ހަމަލާދިން ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް IAEA އިން ކަށަވަރުކޮށްދޭ ކަމަށެވެ. “ރޭޑިއޭޝަންގެ މިންވަރާ ބެހޭ ގޮތުން އެޖެންސީން އީރާނުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މަސައްކަތްކުރަމުންދަނީ. އަދި އަހަރެމެންގެ އިންސްޕެކްޓަރުންނާ ވެސް ގުޅައިގެން މަސައްކަތްކުރަމުންދަނީ،” އޭނާ ވިދާޅުވިއެވެ.
އދ.ގެ ސެކްރެޓަރީ-ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ނެރުއްވި ބަޔާނެއްގައި ވަނީ، އިޒްރޭލުގެ ހަމަލާއަށްފަހު “އިތުރު ހަނގުރާމައަކަށް ނުދިއުމަށް” އެންމެ ބޮޑަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ. އޭނާގެ ނައިބު ތަރުޖަމާނު ފަރްހާން ހައްގު ވިދާޅުވީ، “މެދުއިރުމަތީގައި އަސްކަރީ ގޮތުން ކޮންމެ ކަހަލަ ހަމަލާއެއް ދިނުން ވެސް ސެކްރެޓަރީ-ޖެނެރަލް ކުށްވެރިކުރައްވާ” ކަމަށެވެ. “އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ ގޮތުން އީރާނާއި އެމެރިކާގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި އިޒްރޭލުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކާ މެދު އޭނާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ،” ހައްގު ވިދާޅުވިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ނިއުކްލިއަރ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އޮމާނުން ވަނީ އިޒްރޭލުގެ މި އަމަލަކީ “ނުރައްކާތެރި، ރައްކާތެރިކަމެއް ނެތް ހަމަލާއެއް ކަމަށާއި، އދ.ގެ ޗާޓަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުން” ކަމަށް ސިފަކޮށްފައެވެ. “މިފަދަ ހަމަލާތަކަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން އަދި މިއީ ސަރަހައްދީ ސުލްހަ އާއި ސަލާމަތަށް އިތުރަށް ބުރޫއަރާ ކަމެއް.” އޮމާނުން ނެރުނު ބަޔާނުގައި ވެއެވެ.
އިޒްރޭލުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށާއި އަސްކަރީ ސައިޓުތަކަށް ދިން ހަމަލާތަކުގެ ސަބަބުން ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އުފެދިފައިވާއިރު، އީރާނުން ވަނީ “ހަރުކަށި ރައްދެއް” ދޭނެ ކަމަށް ބުނެފައެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އދ. އިން ވަނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ. މި ހަމަލާތަކުގެ ނުރައްކާތެރިކަން ބޮޑުވެފައިވާއިރު، ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ސަބަބުން ރޭޑިއޯއެކްޓިވް ލީކުވުމުގެ ނުރައްކާ ވެސް އެބައޮތެވެ.


