އެމެރިކާގެ 17 ހަމަލާއެއް ޔަމަނަށް އަރާފައިވާކަމަށް ހޫޘީން ބުނެފި

އެމެރިކާގެ 17 ހަމަލާއެއް ޔަމަނުގެ އެކި ސަރަޙައްދުތަކަށް އަރާފައިވާކަމަށް ހޫޘީން ބުނެފިއެވެ.
ޔަމަނުގެ ހޫތީ ގްރޫޕުން ބުނެފައިވަނީ އެމެރިކާއިން ޔަމަނުގެ އެކި ސަރަހައްދުތަކަށް ވައިގެ 17 ހަމަލާ ދީފައިވާ ކަމަށެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ ސަރަހައްދުގެ ހަލަބޮލިކަން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި ހޮނިހިރު ދުވަހު، އެވެ.
ހޫތީންގެ ސަބާ ނިއުސް އޭޖެންސީން ބުނާ ގޮތުގައި، މި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އަމާޒުވެފައިވަނީ ސަނާ ޕްރޮވިންސްގެ ބަނީ ހަޝިޝް ޑިސްޓްރިކްޓަށެވެ.
އަދި އިތުރު 7 ހަމަލާ އަމާޒުވެފައިވަނީ އަލް-ޖައުފް ޕްރޮވިންސްގެ ހަބް ވަ އަޝް ޝައާފް ޑިސްޓްރިކްޓަށް ކަމަށް މި މަސްދަރުން ބުނެފައިވެއެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމާއި އަނިޔާގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ހޫތީންނާ ގުޅުންހުރި އަލް-މަސީރާ ޓީވީ ޗެނަލުން ޓެލެގްރާމްގައި ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ “އެމެރިކާގެ އަނިޔާވެރި ހަމަލާ އަމާޒުވެފައިވަނީ ޔަމަނުގެ އިރުމަތީގައިވާ މަރިބް ޕްރޮވިންސްގެ މަދްގަލް ޑިސްޓްރިކްޓަށް ކަމަށާއި، މި ސަރަހައްދަށް ވައިގެ 6 ހަމަލާއެއް ދީފައިވާ” ކަމަށެވެ.
އަދި އިތުރު ބަޔާނެއްގައި ބުނެފައިވަނީ “އެމެރިކާގެ އަނިޔާވެރި ހަމަލާ ކަމަރާން ރަށަށް ވެސް އަމާޒުވެފައިވާ ކަމަށާއި، މި ރަށަށް ވައިގެ 2 ހަމަލާއެއް ދީފައިވާ” ކަމަށެވެ. އަދި “ޔަމަނުގެ ހުޅަނގުގައިވާ އަލް ހުދައިދާ ޕްރޮވިންސްގެ އެ އަސް-ސަލިފް ޑިސްޓްރިކްޓަށް ވެސް ހަމަލާއެއް ދީފައިވާ” ކަމަށްވެސް ބުނެފައިވެއެވެ.
މި ރިޕޯޓުތަކާ ގުޅޭގޮތުން އެމެރިކާއިން އަދި ރަސްމީ ބަޔާނެއް ދީފައެއް ނުވެއެވެ.
އެކަމަކު މިހަމަލާތަކާ ގުޅިގެން ، އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ހޮނިހިރު ދުވަހު ޔަމަނުން ފޮނުވާލި މިސައިލެއް އިންޓަސެޕްޓް ކުރެވުނު ކަމަށެވެ.
ހޫތީ ގްރޫޕުން ހޮނިހިރު ދުވަހު ބުނެފައިވަނީ އިސްރާއީލުގެ މެދުތެރޭގައިވާ އަސްކަރީ އަމާޒަކަށް އަލަށް ތަރައްގީކުރެވުނު ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފައިވާ ކަމަށެވެ.
މި ގްރޫޕުން ބުނާ ގޮތުގައި މި މިސައިލް އަމާޒަށް ވާސިލުވެފައިވާއިރު، އިސްރާއީލުގެ މިސައިލް ދިފާއީ ނިޒާމުތަކަށް މި މިސައިލް އިންޓަސެޕްޓް ނުކުރެވުނު ކަމަށެވެ.
ޔަމަނުގެ ހޫތީ މުޖާހިދުންނާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ފަހަކަށް އައިސް ވަރަށް ބޮޑަށް ގޯސްވެފައިވެއެވެ. މީގެ މައިގަނޑު ސަބަބަކީ ހޫތީންގެ ފަރާތުން ރަތް ކަނޑުގައި ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކެވެ. މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، އެމެރިކާއިން ވަނީ ހޫތީންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފަށާފައެވެ. އަދި މި ހަމަލާތަކުގެ ރައްދުގައި ހޫތީން ވަނީ އިސްރާއީލަށް މިސައިލް ހަމަލާ ދޭން ފަށާފައެވެ. މި ހާލަތުގައި ސަރަހައްދުގެ ހަމަޖެހުމަށް ނުރައްކާވެ، ބައިނަލްއަޤްވާމީ ވިޔަފާރިއަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.

