އަބޫދާބީއަށް ހޫތީން ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް ޔޫއޭއީގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުالله ބިން ޒައިދު ވަނީ ޔަމަނުގެ ހޫތީން އަބޫދާބީގެ މަދަނީ އަމާޒުތަކަށް ދިން ހަމަލާ ކުށްވެރިކުރައްވައި އެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ވިދާޅުވެފައެވެ.
ހޫތީން ދިން ހަމަލާގައި 3 މީހުން މަރާލައި 6 މީހުން ޒަޚަމްކޮށްލާފައި ވެއެވެ.
ޚާރިޖީ ވުޒާރާ އާއި ބައިނަލްއަގްވާމީ އެއްބާރުލުމާ ބެހޭ ވުޒާރާއިން ބުނީ “އެ ޓެރަރިސްޓް ހަމަލާތަކާއި، ނުރައްކާތެރި ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމުގެ ހައްގު ޔޫއޭއީއަށް ލިބިގެންވާ” ކަމަށެވެ.
އަދި އެ ހަމަލާތަކަކީ ބައިނަލްއަގްވާމީ އަދި އިންސާނިއްޔަތާ ބެހޭ ގާނޫނުތަކާ ޚިލާފަށް ހޫތީ ހަނގުރާމަވެރިން ހިންގާ “ނާތަހުޒީބު ޖަރީމާއެއް” ގެ ގޮތުގައި އެ ވުޒާރާއިން ވަނީ ސިފަކުރައްވާ ކަމަށެވެ.
އަދި މި ޓެރަރިސްޓް މިލިޓަރީގެ ޣައިރު ޤާނޫނީ މަޤްޞަދުތަކާއި މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި މި ސަރަޙައްދުގައި ޓެރަރިޒަމާއި ފަސާދަ ފެތުރުމަށް ކުރަމުންދާ މަސައްކަތުގައި މި ޓެރަރިސްޓް މިލިޓަރީން ހިންގަމުންދާ ޖަރީމާތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާކަމުގައިވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ ބައެއް ތާންތާންގައި ހޯމަ ދުވަހު އަލިފާން ރޯވެ، އޭގެ ސަބަބުން ތިން ޕެޓްރޯލިއަމް ޓޭންކަރު ގޮވައި، ތިން މީހުން މަރުވެ، ހަ މީހުން ޒަހަމްވެފައިވާ ކަމަށް ޔޫއޭއީގެ ފުލުހުންވަނީ ބުނެފައެވެ.
އަދި އަބޫދާބީ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކޮންސްޓްރަކްޝަން ސައިޓުގެ ސަރަހައްދުގައި ވެސް އަލިފާންގަނޑެއް ރޯވި ކަމަށް ވަނީ ބުނެފައެވެ.
މިހަމަލާ ތަކަކީ ޑްރޯން ހަމަލާތަކަކަށް ވެދާނެކަމަށް، ފުލުހުން ބުންޏެވެ.
އަބޫދާބީގެ ފުލުހުން ބުނީ ޕްރިލިމިނަރީ ޑޭޓާތަކުން އިޝާރާތްކޮށްފައިވަނީ ދެ ޑްރޯން އަކީ އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ކަމަށް ޝައްކު ކުރެވޭ ކަމަށާއި ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ.
ޔަމަނުގެ ހޫތީ މިލިޝިއާ އިން މި ހަމަލާގެ ޒިންމާ ނަގާފައި ވަނީ “ޔޫއޭއީގެ އެތެރޭ ގައި” އޮޕަރޭޝަނެއް ހިންގާ ކަމަށް ބުނެ އެވެ.




