ޚަބަރު

ގޭސް އިމްޕޯޓުކުރުމުގެ ޒިންމާ އެސްޓީއޯއަށް ބަދަލުކޮށް އެމްޑީގެ މައްސަލަ ތަޙުޤީޤުކުރަން ފަށައިފި

ގޭސް އިމްޕޯޓުކުރުމުގެ ޒިންމާ އެސްޓީއޯއަށް ބަދަލުކުރުމާއެކު، މޯލްޑިވްސް ގޭސްގެ އެމްޑީގެ މައްސަލަ ތަޙުޤީޤުކުރަން ފަށައިފިއެވެ.

އެލްޕީޖީ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލުމާ ގުޅިގެން، މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މުޙައްމަދުގެ މައްޗަށް އެސްޓީއޯގެ ބޯޑުން ތަޙުޤީޤެއް ވަނީ ފަށައިފައެވެ. ފައިސާ ގެއްލުނު މައްސަލައާ ގުޅިގެން ގޭސް އިމްޕޯޓުކުރުމުގެ މަސައްކަތް، މޯލްޑިވްސް ގޭސްއިން ނަގައި މައި ކުންފުނި ކަމުގައިވާ އެސްޓީއޯގެ ދަށަށް ބަދަލުކުރެވިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ގޭސް ޝިޕްމަންޓަކަށް އެޑްވާންސްކޮށް ދެއްކި 250,000 ޑޮލަރު (ގާތްގަނޑަކަށް 3.85 މިލިއަން ރުފިޔާ) ވީނުވީއެއް ނޭނގި ގެއްލިފައިވުމާ ގުޅިގެން މި ތަޙުޤީޤު ފެށިފައިވެއެވެ. މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަޙުޤީޤެއް ފަށާފައެވެ.

މާލިއްޔަތު ކޮމިޓީގައި މި މައްސަލަ ފާހަގަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިގޮތުގައި، އަބްދުﷲގެ މައްޗަށް އެޅޭނެ ފިޔަވަޅެއް ނިންމާނީ އެސްޓީއޯގެ ބޯޑުން ކުރާ ތަޙުޤީޤު ނިމުމުންނެވެ.

މޯލްޑިވްސް ގޭސްއަކީ އެސްޓީއޯއާއި ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ، ރާއްޖެއަށް އެންމެ ގިނައިން ގޭސް އިމްޕޯޓްކުރާ ކުންފުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close