ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފުރުޞަތު ހުޅުވާލިކަން އިޢުލާންކުރެއްވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިޢުލާންކުރުމަށް ކުރިއަށްދާ ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ ނާއިބް ރައީސް އަޙްމަދު އަކްރަމްއެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް އިލެކްޝަންސް ކޮމިޝަނުންނާއި އެކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށް 982 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ނާއިބް ރައީސް އަކްރަމް ވަނީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް އިލެކްޝަންސް ކޮމިޝަނުން އެއް ދުވަހެއްގައި 2 އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެނައި ބަދަލާއެކު ޤާނޫނުގައިވާގޮތުން ކައުންސިލް އިންތިޚާބާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުވެސް ބާއްވަން ޖެހެއެވެ.
އަކްރަމް ވިދާޅުވީ މުޅި އިންތިޚާބުގައި 1912 ކެނޑިޑޭޓުން އިންތިޚާބުކުރުމަށް ވޯޓުލާންޖެހޭ ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް އިންތިޚާބުކުރާ 982 މެންބަރުންގެ އިތުރުން އަންހެނުންގެ ކޮމިޓީއަށް 930 މެންބަރުން އިންތިޚާބުކުރުމަށްވެސް ވޯޓުލާން ޖެހޭކަން އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މުޅި އިންތިޚާބުގައި ހަ ހާހަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
