އިޒްރާއީލުގެ ހަމަލާތައް ކުރިއަށްދާއިރު ވާހަކަ ދެއްކުމަށް ހަމާސް ތައްޔާރު

އިޒްރާއީލުގެ ހަމަލާތައް ޣައްޒާގައި ކުރިއަށްދާއިރު ހަމާސްއިން ވާހަކަދެއްކުމަށް ތައްޔާރަށް އޮތް ކަމަށް އެޖަމާޢަތުން ބުނެފިއެވެ.
ޣައްޒާގައި އިޒްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ރޭ އެކަނި ވެސް ފަލަސްތީނުގެ 27 މީހުން ޝަހީދުވެފައިވާކަމަށް އަލްޖަޒީރާގެ ނޫސްވެރިން ރިޕޯޓުކޮށްފައިވެއެވެ.
މިހާތަނަށް ފަލަސްތީނުގެ 48،577 މީހުން ޝަހީދުވެ، 112،041 މީހުން ޒަޚަމްވެފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. އަދި ޣައްޒާގެ މީޑިއާ އޮފީހުން ބުނާގޮތުގައި ޖުމްލަ 61،700 އަށްވުރެ ގިނަ މީހުން އިޒްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެފައިވާކަމަށް ލަފާކުރެވެއެވެ.
ހަމާސްގެ އިސް އޮފިޝަލެއްކަމަށްވާ ތާހިރު އަލްނޯނޯ ވިދާޅުވެފައިވަނީ އިޒްރާއީލުން އަލުން ހަމަލާތައް ފަށާފައިވީނަމަވެސް، ވާހަކަދެއްކުމުގެ ދޮރު ބަންދުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ކުރިން އެއްބަސްވެފައިވާ އެއްބަސްވުމެއް އޮއްވާ އިތުރު އެއްބަސްވުމެއްގެ ބޭނުމެއް ނެތްކަމަށެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ ޣައްޒާގައި އިޒްރާއީލުން ދެމުންދާ ހަމަލާތަކާމެދު ކަންބޮޑުވާކަމަށެވެ. އޭގެ ތެރޭގައި ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ މިހާރު ދެމުންދާ ހަމަލާތަކަކީ “ހަމައެކަނި ފެށުން” ކަމަށާއި، ދެމަހަށްވުރެ ކުރު މުއްދަތަކަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާ ގުޅޭ އިތުރު މަޝްވަރާތައް ކުރިއަށްދާނީ “އަލިފާނުގެ ތެރެއިން” ކަމަށެވެ.
އިޒްރާއީލް އިން އަލުން ހަމަލާތައް އިއްޔެ ފަށާފައިވާއިރު، އިއްޔެވެސް ވަނީ 400 އަށްވުރެ ގިނަމީހުން ފަލަސްތީނުން ޝަހީދުކޮށްލާފައެވެ.
އިޒްރާއީލްގެ ހަމަލާތަކާ މެދު އެމެރިކާއިން ބުނީ އިޒްރާއީލްގެ ހަމަލާތަކަކީ އިންޒާރެއް ކަމަށެވެ.





