ބޭރުދުނިޔެ

މިސުރުގެ އަހްރާމްތަކުގެ ދަށުން އެތައްހާސް ފޫޓް އަޑީގައި ބޮޑު ސިޓީއެއް

މިސުރުގެ ގީޒާ ސިޓީގައި ހުންނަ އަހްރާމްތަކުގެ ދަށުން އެތައްހާސް ފޫޓް އަޑީގައި ބޮޑު ސިޓީއެއް އޮތްކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސްކޮޓްލެންޑްގެ ސްޓްރެތްކްލައިޑް ޔުނިވަރސިޓީގެ ފިލިޕޯ ބިއޮންޑީ އާއި އިޓަލީގެ ޕީސާ ޔުނިވަރސިޓީގެ ކޮރާޑޯ މަލަންގާ އިސްވެ ހުންނަވައިގެން ކުރިއަށް ގެންދެވި މިދިރާސާއިން، މީގެ އެތައް ގަރުނެއްގެ ކުރީގައި ބަޔަކު ދިރިއުޅެފައިވާ ކަމުގެ ނިޝާންތައް އެސިޓީއިން ފެނިފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް، މި ހޯދުންތަކަކީ ދޮގެއް ކަމަށް ބުނެ ގިނަ އަދަދެއްގެ ތާރީޚީ މާހިރުން މިހާތަނަށް މިދިރާސާ ދޮގުކޮށްފައެވެ.

އެދިރާސާގައި ބުނާގޮތުން ރާޑާ އާލާތްތައް ބޭނުންކޮށްގެން ބިމުގެ އަޑިން އެތައްހާސް ފޫޓު ފުންމިނުގައި ނެގުނު މަތީ ރެޒޮލިއުޝަންގެ ފޮޓޯތަކުން ފެންނަނީ އާދަޔާ ޚިލާފު މަންޒަރުތަކެކެވެ. ސައިންޓިސްޓުން ބުނާ ގޮތުގައި މިއީ އެމެންޓީގެ މަޝްހޫރު “ހޯލްސް” އެކެވެ.

މި ދިރާސާގައި ގީޒާ ޕްލެޓޯގެ ދެވަނައަށް އެންމެ ބޮޑު ޕިރަމިޑް ކަމަށްވާ ޚަފްރޭ ޕްރޮޖެކްޓްގެ ދަށުން 2،100 ފޫޓަށްވުރެ ފުން 8 ސިލިންޑަރު ބޮޅު އާސާރީ ތަކެތި ފެނިފައިވާ ކަމަށް ބުނެއެވެ. އަދި 4،000 ފޫޓު ފުންމިނުގައި އެހެނިހެން ނޭނގޭ ބާވަތުގެ އިމާރާތްތައްވެސް ފެނިފައިވާ ކަމަށް ޖީބީ ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.
ސިންތެޓިކް އެޕަރޗަރ ރާޑާ (އެސްއޭއާރު) ޓެކްނޮލޮޖީ ބޭނުންކޮށްގެން ޕިރަމިޑްގެ އެތެރެއިން 5 ކުދި، ކޮޓަރި ވައްތަރުގެ އިމާރާތްތައް ފެނިފައިވާ ކަމަށް ސައިންޓިސްޓުން ބުނެއެވެ. މީގެ އިތުރުން، އެއް އިމާރާތެއްގައި ހުރި ސުރި ސާކޯފަގަސްއަކީ ފިރުއައުނުގެ މަހާނަ ކަމަށް ކުރިން ދެކެވުނު ނަމަވެސް އެއީ ރަނގަޅު ނޫން މައުލޫމާތެއް ކަމަށްވެސް މި ޓީމުން ހާމަކޮށްފައިވާ ކަމަށް ނިއު ޔޯކް ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ.
4،500 އަހަރު ވެފައިވާ މި އަޖައިބު ޕިރަމިޑްގެ ދަށުގައި ސިއްރު ކޮޓަރިތަކާއި ފެންވަޅުތައް ހުރި ކަމަށް ޤަބޫލުކުރެވެއެވެ. އަދި އަލަށް ފެނުނު އިމާރާތްތައް ބިމުއަޑީ ކޮރިޑޯތަކާ ގުޅިފައިވާ ކަމަށާއި، މި 5 އިމާރާތް ފެނިފައިވަނީ ޕިރަމިޑްގެ މެދުތެރެއިން ކަމަށް ދިރާސާކުރި ފަރާތްތަކުން ބުނެފައިވެއެވެ.
ނަމަވެސް، މި ހޯދުންތަކާމެދު ޝައްކު އުފެދި، ގިނަ އަދަދެއްގެ ތާރީޚީ މާހިރުން މިކަން ދޮގުކޮށް އިންކާރު ކޮށްފައިވާތީ މި މައްސަލައިގައި އިތުރު ތަޙްޤީޤުތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close