ބޭރުދުނިޔެ

އީލޯން މަސްކް އޭނާގެ 14 ވަނަ ދަރިފުޅު އުފަންވިކަން އިޢުލާންކޮށްފި

ބިލިއަނަރ އަދި އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުގައި “ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީ” (ޑޯޖް) ގެ ވެރިޔާގެ ގޮތުގައި މަސައްކަތްކުރައްވާ އީލޯން މަސްކް އޭނާއަށް އިތުރު ދަރިއަކު ލިބުނުކަން އިޢުލާންކުރައްވައިފިއެވެ.

އެންމެ ފަހުން މަސްކްއަށް މިލިބުނީ ފިރިހެން ދަރިއަކަށް ވާއިރު، މިދަރިފުޅަށް އޭނާ ދީފައިވާ ނަމަކީ “ސެލްޑޮން ލައިކަރގަސް” އެވެ.

މަސްކްގެ ނިއުރޯޓެކްނޮލޮޖީ ކުންފުނި ނިއުރާލިންކްގެ ކެނޭޑިއަން އެގްޒެކެޓިވް ޝިވޯން ޒިލިސް (38) އާއެކު މަސްކްގެ މިއީ ހަތަރުވަނަ ދަރިފުޅުކަމަށް ގަބޫލުކުރެވެއެވެ. މަސްކްގެ އެހެން ކައިވެނިތަކަށް ލިބިފައިވާ ދަރިންނާއެކު މިއީ މަސްކްގެ 14 ވަނަ ދަރިފުޅުކަމަށް ބެލެވެއެވެ.

ޒިލިސް ވަނީ މަސްކް އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (X) ގައި ކުއްޖާގެ އުފަންވުން އިޢުލާންކޮށްފައެވެ. އަދި މީގެ ކުރިން ހާމަނުކުރައްވާ އޮތް އެ ދެމަފިރިންގެ ތިންވަނަ ދަރިފުޅުގެ ނަން “އާކޭޑިއާ” ކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

ފަހުން ލިބުނު ދަރިފުޅަކީ “ސޮލިޑް ހާރޓް އޮފް ގޯލްޑް” ކަމަށް ޒިލިސް ސިފަކުރައްވާފައިވާއިރު، މަސްކް މިކަމަށް ހިތުގެ އިމޯޖީއަކުން ރިއެކްޓް ކުރައްވާފައިވެއެވެ.

ސްޕޭސްއެކްސް އާއި ޓެސްލާގެ ބާނީ މަސްކް ދެކޭގޮތުގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވަމުންދިއުމަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ނުރައްކަލެކެވެ.

އޭނާ ބޮޑެތި ޢާއިލާތަކަށް މަރުޙަބާ ކިޔާފައިވާއިރު، މަދަނިއްޔަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އުފަންވާ ކުދިންގެ ނިސްބަތް ދަށްވުންކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މަސްކްގެ ދަރިން އުފަންވެފައިވަނީ މަދުވެގެން ތިން އަންހެން ބޭފުޅުންނަށެވެ. އޭގެ ތެރޭގައި ޒިލިސް، ކެނޭޑިއަން މިއުޒިޝަން ގްރައިމްސް (ކްލެއަރ ބުޝަރ)، އަދި އޭނާގެ ކުރީގެ އަނބިކަނބަލުން ޖަސްޓިން ވިލްސަން ހިމެނެއެވެ.

މީގެ އިތުރުން 26 އަހަރުގެ އެޝްލީ ސްޓް ކްލެއާ ވަނީ މަސްކަކީ އޭނާގެ ފަސް މަސްވީ ދަރިފުޅުގެ ބައްޕައޭ ބުނެ ދަޢުވާއެއް އުފުލާފައެވެ. މަސްކް މިކަމަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close