ބޭރުދުނިޔެ

ޓްރަމްޕް އާއި ޒެލެންސްކީގެ ބައްދަލުވުން ބޮއްސުންލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ދެމެދު ހުކުރު ދުވަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ހޫނު ބަހުސްތަކަކަށް ފަހު، ކޮޅެއްގައި ނުޖެހި ބައްދަލުވުން ބޮއްސުންލައިފިއެވެ.

ކުރިން އިންތިޒާމް ކުރެވިފައިވާ މިނަރަލް ހިއްސާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، ހަމަޖެހިފައިވާ ޕްރެސް ކޮންފަރެންސް ވެސް ވަނީ ކެންސަލް ކުރެވިފައެވެ.

އެ ބައްދަލުވުމުގައި ޓްރަމްޕްވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ ޒެލެންސްކީއަށް އެއްޗެހި ކިޔާފައެވެ. ޓްރަމްޕް ބުނީ ޒެލެންސްކީގެ ވާހަކަ ތަކުން ދޭހަވަނީ ތިންވަނަ ބޮޑު ހަނގުރާމައަށް ތައްޔާރުވަމުންދާ ކަމަށެވެ. ޒެލެންސްކީގެ ހަރުކަށި ގޮތްދޫނުކުރުމުގެ ޖަވާބުތަކާއެކު ޓްރަމްޕް އިތުރަށް ބުނީ އެމެރިކާއިން ޔޫކްރެއިންނަށް ވެދިން އެހީތަކަށް ވެސް ޒެލެންސްކީ ޝުކުރުވެރި ނުވާކަމަށެވެ.

“ޖެހޭނީ އެއްބަސްވުމަކަށް ދާން، ނޫނީ އަހަރެމެން ނުތިބޭނަން” އެމެރިކާގެ ރައީސް ޓްރަމްޕް ޒެލެންސްކީއަށް އިންޒާރު ދިނެވެ.

އެ ބައްދަލުވުގައި ހަނގުރާމައިގެ އަނިޔާތަކުގެ ފޮޓޯތަކެއް ޓްރަމްޕަށް ދައްކަވަމުން، ޒެލެންސްކީ ވިދާޅުވީ “މީހުން މަރާ ބަޔަކާ އެކު އަޅުގަނޑުމެންގެ ބިމުގައި އެއްވެސް އެއްބަސްވުމެއް ނުވެވޭނެ” ކަމަށެވެ. ޔުކްރެއިންގެ ކުޑަކުދިން ޤައުމުން ބޭރަށް ނެރެ، ރަޝިއާއިން ހަނގުރާމައިގެ ކުށްތައް ކުރަމުންދާ ކަމަށްވެސް އޭނާ ޓްރަމްޕަށް ދެންނެވިއެވެ.

ފަހުން ޓްރަމްޕް ޒެލެންސްކީއަށް އެންގީ ސުލްހައަށް ތައްޔާރުވުމުން، ވޮޝިންގްޓަނަށް އަނބުރާ އައުމަށެވެ.

މި ބައްދަލުވުމަކީ ފްރާންސް އަދި އިނގިރޭސީންގެ ލީޑަރުން ވައިޓް ހައުސްއަށް ޒިޔާރަތްކޮށް، ޓްރަމްޕް ޔުކްރެއިން ދޫކޮށްނުލުމަށް އެދުމަށްފަހު ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ.

ދެ ހަފްތާއެއްގެ ކުރިން، ޓްރަމްޕް ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިންއާ މަޝްވަރާކޮށް، ޔުކްރެއިން ބައިވެރިނުކޮށް ހަނގުރާމަ ނިންމުމުގެ މަޝްވަރާ ވަނީ ފަށާފައެވެ. އެއީ އެ ހަނގުރާމައިގައި އެމެރިކާ ގެންގުޅޭ ސްޓޭންޑް ބަދަލުކުރުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިފަހަރުގެ ބައްދަލުވުމުގައި ހުށަހެޅިފައިވާ އެއްބަސްވުމަކީ ޔުކްރެއިންގެ މިނެރަލް ވަސީލަތްތަކުގެ ބޮޑު ބައެއް އެމެރިކާއާ ހިއްސާކުރުމަށެވެ. މިއީ، އެމެރިކާއިން ޔުކްރެއިނަށް ދީފައިވާ ބިލިއަން ޑޮލަރުގެ އަސްކަރީ އެހީއަށް ބަދަލެއްގެ ގޮތުގައި، ޓްރަމްޕްގެ ފަރާތުން ހުށަހެޅިފައިވާ އެއްބަސްވުމެކެވެ.

ޒެލެންސްކީގެ އެދުމަކީ ކޮންމެ އެއްބަސްވުމެއްގައި ވެސް އެމެރިކާގެ ސަލާމަތީ ގެރެންޓީއެއް ހިމެނުމެވެ. ނަމަވެސް، މިހާތަނަށް އެފަދަ ގެރެންޓީއެއް ދިނުމަށް ޓްރަމްޕް އިންކާރު ކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close