ބޭރުދުނިޔެ

އިޒްރާއީލްގެ ޑްރޯންތަކާއި ޓޭންކުތަކުން ކަމާލް އަދުވާން ހޮސްޕިޓަލް ވަށައިލައިފި

އިޒްރާއީލްގެ ޑްރޯންތަކާއި ޓޭންކުތަކުން ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލް ވަށައިލައިފިއެވެ.

ADS BY: Maldivian
ޣައްޒާގެ އުތުރުގައި ހުރި އެ ހޮސްޕިޓަލް ވަށައިގެން އިޒްރާއީލް ސިފައިން އަތުރާލައިފައިވާއިރު، މި ހާލަތުގައި އެ ހޮސްޕިޓަލްގެ ޑައިރެކްޓަރު ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައި، ހޮސްޕިޓަލް ސަލާމަތްކޮށްދިނުމަށް އެދިފައެވެ.

ޑރ. ހުސާމް އަބޫ ސަފިއްޔާ ވިދާޅުވި ގޮތުގައި މިހާރު ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓަށް ސީދާ ހަމަލާ އަމާޒުވަމުންދެއެވެ. އަދި ހޮސްޕިޓަލްގެ ހުރިހާ ބައިތަކަކަށްވެސް އިޒްރާއީލް ސިފައިން އެކި ބާވަތުގެ ހަތިޔާރުން ހަމަލާދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ސްނައިޕަރ ފަޔަރ، ޓޭންކު ޝެލް އަދި ކުއަޑްކޮޕްޓަރުތައް ހިމެނެއެވެ.
“ގަޑިއިރަކަށްވުރެ ގިނަ ވަގުތު ވެއްޖެ، ހުރިހާ ދިމާލަކުންވެސް އަހަރެމެންނަށް ބޮން އަޅަމުން ދަނީ،” ޑރ. ހުސާމް ވިދާޅުވިއެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހުމޫދު ބުނި ގޮތުގައި މިއީ ސީދާ ޞިއްޙީ މަރުކަޒަކަށް އަމާޒުކޮށްގެން ދެވޭ ހަމަލާއެކެވެ. އިޒްރާއީލް ސިފައިން ވަނީ ހޮސްޕިޓަލުން އެންމެން ނެރުމަށް އަމުރުކޮށްފައެވެ. ނަމަވެސް އެތަނުން ނުކުތުމަކީ ނުރައްކާތެރި ކަމެއްކަމުގެ މާހައުލެއް އުފައްދާފައިވާ ކަމަށް އޭނާ ބުންޏެވެ.
މިވަގުތު ހޮސްޕިޓަލްގައި 66 ބަލިމީހުންނާއި މެޑިކަލް މުވައްޒަފުން ތިބިކަމަށް ބެލެވެއެވެ. އަދި މި ސަރަހައްދުގައި މަދު ޑޮކްޓަރުންކޮޅެއް ނޫނީ ނެތް ކަމަށާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށްވެސް އަލްޖަޒީރާއިން ބުނެއެވެ. އަދި ރޭގަނޑުގެ ވަގުތެއްގައި ހޮސްޕިޓަލާ ގުޅުން ކެނޑިފައިވާ ކަމަށްވެސް އަލްޖަޒީރާގެ ނޫސްވެރިޔާ ބުންޏެވެ.

އަލްޖަޒީރާއިން ކަށަވަރުކޮށްދިން ފުޓޭޖްތަކުން ދައްކާގޮތުގައި، އިޒްރާއީލް ސިފައިން ހޮސްޕިޓަލަށް ހަމަލާދިނުމާ ގުޅިގެން، ޒަޚަމްވެފައިވާ ފަލަސްޠީނުގެ ރައްޔިތުން ވަނީ ކުޑަދޮރުތަކާ ދުރުގައި، ހޮސްޕިޓަލްގެ ކޮރިޑޯތަކުގައި ރައްކާތެރިކަން ހޯދާފައެވެ. ނަމަވެސް، ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައިވާ ކަމަށް ހާނީ މަހުމޫދު ބުންޏެވެ. އެއީ ވަޒަންތައް ފާރުތަކަށް ވަދެ، އާލާތްތަކަށްވެސް ގެއްލުން ލިބެމުންދާތީއެވެ.
އަލްޖަޒީރާ އަރަބިކްގެ ނޫސްވެރިން ބުނާގޮތުގައި، ހޮސްޕިޓަލް އަށް އަމާޒުކޮށް ހަމަލާ ދެމުންދާއިރު، އެތަނުގައި ތިބި ނޫސްވެރިންނާ ގުޅުން ކެނޑިފައިވެއެވެ. އަދި ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހުރި އަލް-އައުދާ ހޮސްޕިޓަލަށްވެސް ހަމަލާ ދީފައިވާ ކަމަށް އެ ޗެނަލުން ބުނެފައިވެއެވެ.
މެޑިކަލް ފެސިލިޓީތަކަށް ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޯމް ގެބްރެއިސަސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close