އިޒްރޭލުން އެއްގަމު މަގުން ދީފާނެ ހަމަލާއަކަށް މިތިބީ ތައްޔާރަށް: ލުބުނާން

އިޒްރޭލުން ލުބުނާނަށް އެއްގަމު މަގުން ދީފާނެ ހަމަލާއަކަށް މިތިބީ ތައްޔާރަށް ކަމުގައި ލުބުނާނުގެ މުޖާހިދުން ބުނެފިއެވެ.
ޙިޒުބުﷲ ޖަމާޢަތުގެ ޑެޕިއުޓީ ލީޑަރު ނައިމް ޤާސިމް ވިދާޅުވެފައިވަނީ އިޒްރޭލުން އެއްވެސް އެއްގަމު ހަމަލާއެއް ދޭން އުޅެފިނަމަ އެކަމާ ކުރިމަތިލުމަށް އެ ޖަމާޢަތުގެ ހަނގުރާމަވެރިން ތައްޔާރަށް ތިބިކަމަށެވެ. މިއީ ފާއިތުވި ހަފުތާގައި އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ޝަހީދުވުމަށްފަހު ޤާސިމް ދެއްކެވި ފުރަތަމަ ޢާންމު ޚިޠާބެވެ.
ޤާސިމް ވިދާޅުވީ އިޒްރޭލުން އެއްގަމުން ވަނުމަށް ނިންމައިފިނަމަ އެކަމާ ކުރިމަތިލުމަށް ތައްޔާރަށް ތިބިކަމަށާއި، އިޒްރޭލަށް އޭގެ އަމާޒުތަކެއް ހާސިލެއް ނުކުރެވޭނެ ކަމަށެވެ. އޭނާ މި ވާހަކަތައް ދެއްކެވީ ސިއްރު ތަނަކު ހުންނަވައިގެންންނެވެ.
މިއާއެކު، އިޒްރޭލުން ވަނީ ބެއިރޫތާއި ލުބުނާނުގެ އެހެނިހެން ސަރަޙައްދުތަކަށް ވައިގެމަގުން ހަމަލާ ދިނުން ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ފާއިތުވި ދެ ހަފުތާގައި ކުރިއަށްގެންދިޔަ ހަމަލާތަކުގައި ހިޒްބުﷲގެ ގިނަ އިސް ވެރިން ޝަހީދުވެފައިވެއެވެ.
ލުބުނާނު ސަރުކާރުން އާއްމުކުރި މަޢުލޫމާތުން އެނގޭގޮތުގައި 1،000 އެއްހާ މީހުން މަރުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ފިލާފައިވެއެވެ.
ނަސްރުﷲގެ މަރަށްފަހު، ހިޒްބުﷲއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ ބަދަލުގައި އެހާ ކެރިފޯރުންތެރި އަދި ޤާބިލު ލީޑަރެއް ހޯދުމެވެ. ޤާސިމް ވިދާޅުވެފައިވަނީ އަވަސް ފުރުޞަތެއްގެ ތެރޭގައި އާ ލީޑަރެއް ހޮވާނެ ކަމަށެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނީ ނަސްރުﷲ މެރުމަކީ މުހިންމު ފިޔަވަޅެއް ނަމަވެސް އެއީ އެންމެ ފަހު ފިޔަވަޅެއް ނޫން ކަމަށެވެ. އުތުރުގެ އާބާދީތަކަށް ރައްޔިތުން އަނބުރާ ގެނައުމަށް ހުރިހާ ޤާބިލިއްޔަތެއް ބޭނުންކުރާނެ ކަމަށް އޭނާ ބުނެއެވެ.
މީގެ އިތުރުން، ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މިކާތީ ވިދާޅުވެފައިވަނީ އދ. ގެ ޤަރާރެއްގެ ދަށުން ލިޓާނީ ކޯރުގެ ދެކުނުގައި ހިޒްބުﷲގެ ހަތިޔާރުއެޅި ވުޖޫދު ނިމުމަކަށް ގެނައުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ. މިއީ އިޒްރޭލާއެކު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭނެ މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.




