ބޭރުދުނިޔެ

ޓްރަމްޕްގެ ޒިޔާރަތާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށްދާކަމަށް ޗައިނާއިން ބުނުން

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެހީތެރިވުމަށް ނޭޓޯގެ ގައުމުތަކާއި ޗައިނާއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުއަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައި، ޓްރަމްޕް ޗައިނާއަށް ކުރައްވަން އުޅުއްވާ ޒިޔާރަތާ ގުޅޭގޮތުން ވޮޝިންގޓަނާއެކު މަޝްވަރާތައް ކުރަމުންދާކަމަށް ބެއިޖިންގްއިން ހޯމަ ދުވަހު ބުނެފިއެވެ.

މި މަސް ނިމޭކޮޅު ރައީސް ޝީ ޖިންޕިންގްއާއި ޓްރަމްޕާ ދެމެދު ބާއްވާނެ ކަމަށް ބެލެވޭ ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ މުއާމަލާތްތަކަށެވެ.

ނަމަވެސް، ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމުގައި ޗައިނާގެ އެހީތެރިކަން ނުލިބޭނަމަ ޝީއާއެކު ބާއްވާ ބައްދަލުވުން ފަސްކުރައްވަފާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވާފައެވެ. އަދި މިކަމުގައި އެއްބާރުލުން ނުދިނުމަކީ “ނޭޓޯގެ މުސްތަގުބަލަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއް” ކަމަށްވެސް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

ތެޔޮ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ މި ކަނޑުއޮޅި ބަންދުކޮށްފައިވަނީ، އެމެރިކާއާއި އިސްރާއީލުން ތެހެރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނީ ރައީސް ޓްރަމްޕް ޗައިނާއަށް ކުރައްވާ ޒިޔާރަތާ ގުޅޭގޮތުން ބެއިޖިންގްއާއި ވޮޝިންގޓަނާ ދެމެދު މުއާމަލާތްތައް ކުރެވެމުންދާ ކަމަށެވެ.

“ދެ ގައުމުގެ ގުޅުމުގައި ދައުލަތުގެ އިސްވެރިންގެ މެދުގައި ބޭއްވޭ ޑިޕްލޮމެޓިކް ބައްދަލުވުންތަކަކީ އެހެން ކަމަކުން ބަދަލު ނުކުރެވޭނެ ފަދަ މުހިންމު އިސްތިރާޖީ މަގުދައްކައިދޭ ދައުރެއް އަދާކުރާ ކަމެއް،” ތަރުޖަމާނު ލިން ޖިއާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

ނޭޓޯގެ ބައިވެރިންނަށާއި ޗައިނާއަށް ޓްރަމްޕް ކުރިމަތިކުރައްވަމުންދާ ފިއްތުންތަކާ ބެހޭގޮތުން ލިން ސީދާ ޖަވާބެއް ނުދެއްވައެވެ.

ކަނޑުއޮޅީގެ ނުތަނަވަސްކަމުގެ ސަބަބުން މުދަލާއި ހަކަތަ އުފުލާ ބައިނަލްއަގުވާމީ ވިޔަފާރީގެ މަގުތަކަށް ބުރޫއަރާފައިވާ ކަމަށް، ޓްރަމްޕްގެ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރުމުން ލިން ވިދާޅުވިއެވެ.

ވޮޝިންގޓަނުން ބުނާ ގޮތުގައި ޓްރަމްޕް ޗައިނާއަށް ޒިޔާރަތް ކުރައްވާނީ މާރިޗު 31 އިން އޭޕްރީލް 2 އަށެވެ. ނަމަވެސް، ޗައިނާގެ އާންމު އުސޫލުގެ މަތިން އެ ގައުމުން އަދި މި ތާރީޚުތައް ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިދިޔަ ހަފުތާ ބަންދުގައި އެމެރިކާއާއި ޗައިނާގެ އިގްތިސާދީ އިސް އޮފިޝަލުން ވަނީ ޕެރިހުގައި ބައްދަލުކުރައްވާފައެވެ. މިއީ ޓްރަމްޕްގެ ޒިޔާރަތަށް މަގުފަހިކުރުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެއް ކަމަށް ބެލެވެއެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ޗައިނާގެ ވައިސް ޕްރިމިއަރ ހީ ލިފެންގްއާ ބައްދަލުކުރައްވާފައެވެ.

ބެސެންޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ “އިގްތިސާދީ މަޝްވަރާތައް” ކުރިއަށްދާ ކަމަށެވެ.

އެހެންނަމަވެސް، ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން، ވޭތުވެދިޔަ އަހަރަކީ އެމެރިކާއާއި ޗައިނާގެ އިގްތިސާދީ ގުޅުންތަކަށް ބޮޑެތި ގޮންޖެހުންތަކަކާއި ނުތަނަވަސްކަމެއް ކުރިމަތިވި އަހަރެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close