ބޭރުދުނިޔެ

ބަންގްލަދޭޝްގެ މުޒާހަރާތައް ހޫނުވެ، އާދިއްތަ ދުވަހު އެކަނިވެސް 90 މަރު

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާގެ އިސްތިއުފާއަށް ގޮވާލައި ކުރަމުންދާ މުޒާހަރާތައް އިތުރަށް ހޫނުވެ، އާދިއްތަ ދުވަހު އެކަނިވެސް 90 މީހުންނަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
ޑާކާއާއި އެހެނިހެން ޑިސްޓްރިކްޓްތަކުގައި ހިނގި ކުރިމަތިލުންތަކުގައި މީހުން މަރުވެފައިވާކަން ޑޮކްޓަރުންނާއި ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހާދިސާތަކާ ގުޅިގެން، ސަރުކާރުން ވަނީ އާދިއްތަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކަރްފިއު އިއުލާންކޮށްފައެވެ. މިއީ މި މުޒާހަރާތަކާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ކާފިއު އިުލާންކުރި ދެވަނަ ފަހަރެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ މުވާސަލާތީ ޚިދުމަތްތައްވެސް ކަނޑާލާފައެވެ. މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި ބަންގްލަދޭޝްގެ ހާލަތު ވަނީ ނުރައްކާތެރި މިންވަރަކަށް ގޮސްފައެވެ.
މުޒާހަރާގެ ލީޑަރުން ބުނަމުންދަނީ ބޮޑުވަޒީރު ޝޭޚް ހަސީނާ އިސްތިއުފާ ނުދެއްވަނީސް މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު މުޒާހަރާގެ ލީޑަރުން ވަނީ މުޅި ގައުމު މަދަނީ ބަސްނޭހުމަކަށް ދިއުމަށް ގޮވާލާފައެވެ.

އެގޮތުން ވަޒީފާއަށް ނުނިކުތުމަށާއި، ޓެކްސް ނުދެއްކުމަށާއި، ކަރަންޓާއި ފެނުގެ ބިލު ނުދެއްކުމަށް މުޒާހަރާ ރާވާ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި 170 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ބަންގްލަދޭޝްގައި 18 މިލިއަނަށް ވުރެ ގިނަ ޒުވާނުން ވަޒީފާއެއް ނެތިފައި އެބަތިއްބެވެ. ޔުނިވަރސިޓީތަކުން ކިޔަވާ ނިމޭ ދަރިވަރުންނަށް ވަޒީފާ އެއް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނޯންނަ ކަމަށް މުޒާހަރާ އަށް ނުކުތް ދަރިވަރުން ވަނީ ބުނެފައެވެ.
ހަމަ ނުޖެހުންތަކުގައި، 11،000ށް ވުރެ ގިނަ މީހުން ބަންގްލަދޭޝްގެ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. މުޒާހަރާތަކުގައި 200 ށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 32 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޯކާ ޓާރކް ވަނީ ފުލުހުން މުޒާހަރާ އަށް ހުރަސް އެޅުމުގެ ތެރޭގައި މަރުވި މީހުންނާއި، އަނިޔާވި މީހުންގެ ތަފްސީލް ހާމަ ކުރުމަށް ހަސީނާގެ ސަރުކާރަށް ގޮވާލާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީގެ ވެރިޔާ ޖޯސެފް ބޮރެލް ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަރުކާރުން ހާލާތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ މައްސަލަ ބައިނަލްއަގްވާމީ ފެންވަރުގައި ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close