ސައުދީ މިސްކިތްތަކުގެ އެތެރޭގައި ރޯދަ ވީއްލުމުގެ ޖާފަތްތައް ހެދުން މަނާ ކޮށްފި

މި ފެށޭ ރަމަޟާން މަހު ސައުދީ އަރަބިއްޔާގައި ބޮޑު ޖަމާއަތުގައި މިސްކިތްތަކުގެ އެތެރޭގައި ރޯދަ ވީއްލުމުގެ ޖާފަތްތައް ހެދުން މަނާ ކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ މި އަހަރުގެ ރަމަޟާން މަހު، މިސްކިތްތަކުގެ ތެރޭގައި ބޮޑު ޖަމާއަތް ހަދައިގެން ރޯދަ ވީއްލުމުގެ ޖާފަތްތައް ބޭއްވުން މަނާ ކުރުމަށް އެ ގައުމުގެ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް އަމުރު ކުރައްވާފައެވެ.
ސައުދީ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ މިސްކިތްތަކުގެ ސާފުތާހިރުކަމަށް އިސްކަން ދޭން ވެގެންނެވެ.
ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ވަނީ ވަލީއަހުދުގެ މި އަމުރަށް ތަބާވުމުގެ ގޮތުން ރޯދަ މަހަށް ހާއްސަ އުސޫލެއް ހަދައި، މިސްކިތްތަކުގެ އިމާމުންނަށް ފޮނުވާފައި ކަމަށް ސައުދީގެ ނޫސްތަކުން މައުލޫމާތު ދެއެވެ. އެގޮތުން ފެބުރުއަރީ 20 ވަނަ ދުވަހު މިނިސްޓްރީން ވަނީ މިސްކިތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ރަމަޟާން މަހުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ތަކެއް ހިމެނޭ ސާކިއުލަރ އެއްވެސް ނެރެފައެވެ.
އޭގެ އިތުރުން ރަމަޟާން މަހު މިސްކިތުގައި އެއްވެސް ރޯދަ ވީއްލުމެއް ބޭއްވުމަށް އެއްވެސް އިމާމަކު ފައިސާ ނުހޯދުމަށާއި، އެކަމަށްމީހުން ދޭ އެއްވެސް ކަހަލަ މާލީ އެހީތެރިކަމެއް ވެސް ގަބޫލު ނުކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
ނަމަވެސް މިސްކިތުގެ ބޭރު ގޯތި ތެރޭގައި ރޯދަވީއްލުން ތައް ބޭއްވިދާނެ ކަމަށާއި، ނަމަވެސް އެކަމުގައި ވެސް ސާފުތާހިރުކަމަށް އިސްކަންދޭން ޖެހޭނެ ކަމަށާއި، ރޯދަވީއްލުމުގެ ޖާފަތް ކުރިއަށް ދާންވާނީ އިމާމު މީހާގެ ބެލުމުގެ ދަށުން ކަމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ރޯދަވީއްލުން ނިމުމުން މިސްކިތުގެ ބޭރު ގޯތިތެރެ ސާފުކުރުމަކީ އިމާމުންގެ ޒިންމާއެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މި އަހަރުގެ ހިޖްރީ ކަލަންޑަރުގައި ފާހަގަކޮށްފައިވާގޮތުން ރަމަޟާން މަސް ސައުދީ އަށް ފެށޭނީ މާރިޗް މަހުގެ 11 ގައި ކަމަށް ސައުދީގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
