ޚަބަރު

އިސްރާއީލް ސިފައިން ރަފަޙްގައި ދިން ހަމަލާއެއްގައި ޒަޚަމްވި ނޫސްވެރިއެއްގެ ފައި ބުރިކޮށްލައިފި

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާގެ ރަފާހްގައި މިއަދު ދިން ހަމަލާއެއްގައި ދެ ނޫސްވެރިއަކަށް ވަރަށް ބޮޑަށް ޒަހަމްވެގެން ފަރުވާ ދީފައިވާއިރު، އޭގެ ތެރެއިން އެކެއްގެ ފައި ބުރިކޮށްލަން ޖެހިއްޖެއެވެ.
އަލްޖަޒީރާއިން ބުނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޒަޚަމްވެފައިވަނީ އަލްޖަޒީރާގައި މަސައްކަތް ކުރާ ދެ ނޫސްވެރިން ކަމަށެވެ.

މިގޮތުން ނޫސްވެރިޔާ އިސްމާއިލް އަބޫ އުމަރުގެ ކަނާތު ފައި ބުރިކޮށްލުމާ ގުޅިގެން އޭނާގެ ފުރާނައަށް ނުރައްކާވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އޭނާގެ ވާތު ފައިސަލާމަތް ކުރުމަށް ޑޮކްޓަރުން މަސައްކަތް ކުރަމުންދާ ކަމަށް އިމަޖެންސީގައި މަސައްކަތް ކުރާ ޑޮކްޓަރަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން ދެން ޒަޚަމްވި އަނެއް ނޫސްވެރިއަކީ އެ ނޫހުގެ ކެމެރާމަން އަހްމަދު މަތާރަކީ ކަމަށާއި، އޭނާގެ ހާލުވެސް ސީރިއަސް ކަމަށް އަލްޖަޒީރާއިން ބުނެފައި ވެއެވެ.

އެ ދެ ނޫސްވެރިންނަށް ޚާން ޔުނިސް ސިޓީގެ ދެކުނު ފަރާތުގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެ ދެ މީހުންނަށް ހަމަލާދީފައިވަނީ މޮރާޖް ސަރަހައްދުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ދިން ހަމަލާއެއްގައި ކަމަށެވެ.
ހަމާސްގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އަލްޖަޒީރާގެ ނޫސްވެރިންނަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނގުރާމައިން ހިމާޔަތް ހޯދަމުން އަންނަ 1.4 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަފަޙްއިން އާންމުން ނެރެ، ބާކީ ތިބި ހަމާސްގެ މުޖާހިދުން ބަލިކުރުމަށް ދެވަނަ ޕްލޭނެއް އެކުލަވާލުމަށް އަސްކަރިއްޔާއަށް އަންގަވާފައެވެ.
އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އިން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގައި 28،340 މީހުން މިހާތަނަށް ޝާހީދުވެފައިވާއިރު، ލައްކައެއްހާ މީހުންވަނީ ޒަޚަމްވެފައެވެ. އަދި އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހަށްޖެހި، ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހު ބައިނަލްއަގުވާމީ ކޯޓުން ނެރުނު ވަގުތީ ހުކުމުގައި ވަނީ އިސްރާއީލުގެ ސަރުކާރުން ޖިނާއީ އަމަލުތައް ހުއްޓާލުމަށާއި ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމަށް ފިޔަވަޅުތައް އެޅުމަށް އަމުރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close