ޚަބަރު

ޙަމަލާއާއި ގުޅިގެން 4 މީހަކު ފާހަގަކުރެއްވިއްޖެ، ނަމަވެސް މިވަގުތު އިތުރުތަފްޞީލްދެވޭކަށްނެތް – ސީޕީ ޙަމީދު

ރައީސް ނަޝީދަށް ރޭ ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ޝައްކު ކުރެވޭ 4 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި ނަމަވެސް އެމީހުންނާއި ބެހޭގޮތުން އިތުރު ތަފްޞީލެއް ދެއްވެން ނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

މިހަމަލާއާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން 4 މީހެއްގެ ފަރާތުން ހަމަލާއާ ގުޅިގެން ޝައްކުކުރެވޭ ފަދަ ޢަމަލުތަކެއް ފެނި އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އެހެންނަމަވެސް މިވަގުތު އެއީ ކޮންބައެއްކަން އަދި އެމީހުންނާމެދު ޝައްކުކުރެވެނީ ކީއްވެގެންކަން ވިދާޅުވެވެން ނެތްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އަދި ޝައްކުކުރެވޭ މީހުން ދެނެގަނެ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އެފަރާތްތަކާއި މެދު ޖިނާޢީ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ރޭ ގަލޮޅު ނީލޯފަރު މަގާއި މަޖީދީ މަގު ގުޅުނު ކަންމަތީގައި އެއްޗެއް ގޮއްވާލައިގެން ރައިސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ޙާމަލާ އަލީ ސީދާ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޙަމަލާއެއްކަމަށް މިހާތަނަށް ބެލެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިޙާދިސާގެ ތަޙުގީގުކުރުމަށާއި ތަޙްޤީޤަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭރުގެ އެކި ޤައުމުތަކުން އެދެމުން އަންނަކަން ސީޕީ ޙަމީދުވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިސަރުކާރުން ވަނީ މިޙާދިސާގެ ތަޙްޤީޤުގައި ބޭރުގެ އެހީ ހޯއްދެވުމަށް ނިންމަވާފައިކަމަށާ، އެގޮތުން މާދަމާ އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ފަރާތުން ފުލުހުންގެ ޓީމަކާއި ތަޖުރިބާކާރު 2 ބޭފުޅަކު ދިވެހި ފުލުހުންގެ ތަޙްޤީޤު ޓީމާ ގުޅިވަޑައިގަންނަވާނެކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިވަގުތުވެސް ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އިނގިރޭސިވިލާތުގެ ދެބޭފުޅުންގެ ފަންނީ އެހީތެރިކަން ލިބިވަޑައިގަންނަވާކަން ފުލުހުންވަނީ ހާމަކުރައްވާފައެވެ.

މިޙަދިސާއާއި ގުޅިގެން ފުލުހުން ކުރައްވަމުން ގެންދަވާ ތަޙުގީގަށް އެހީތެރިވުމަށް ފުލުހުންވަނީ ޢާއްމުންގެ އެދިވަޑައިގެންފައެވެ.

އެގޮތުން ހަމަލާ ދިންވަގުތު އެސަރަޙާއްދުގައި ހުރި މީހަކަށްވެސް އެއްވެސް ޝައްކުކުރެވޭ ކަމެއް ފާހަގަވެފައިވާނަމަ އެކަމެއް ފުލުހުންނާއި ހިއްސާ ކުރުމަށްވަނީ އެދިވަޑައިގެންފައެވެ. މިކަމާ ގުޅޭއް އެއްވެސް ފޮޓޯއެއް ވީޑިއޯއެއް ނުވަތަ އިތުރުއެއްވެސް މައުލޫމާތެއް ލިބިފައިވާނަ އެކަންވެސް ފުލުހުންނާ ހިއްސާކޮށްދެއްވުމަށްވަނީ އެދިވަޑައިގެންފައެވެ.

އެފަދަ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 9704000އަށް ހިއްސާކުރުމަށްވަނީ އެދިވަޑައިގަންނަވާފައެވެ. އަދި މިފަދައިން ހިއްސާކުރާ މަޢުލޫމާތުތަކާއި ހިއްސާ ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް އެމައުލޫމާތު ހިއްސާކޮށްދެއްވާނެކަމުގެ ޔަގީންކަން ފުލުހުންވަނީ ދެއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close