ކުއްލި ޚަބަރު: ފިޔޯރީ ސްކޫލްގައި އަލިފާން ރޯވެ އަނދާ ހުލިވަމުން ދަނީ
ގދ. ފިޔޯރީ ސްކޫލްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދަން ފަށައިފިއެވެ.
އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ސްކޫލްގައި ރޯވި އިމާރާތް އެއްކޮށްހެން ވަނީ އަނދައިފައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ސްކޫލް ހޯލުގައި ވަރަށް ބޮޑަށް އަލިފާން ގަނޑު ހިފިއެވެ.
އަދި އަލިފާން ގަނޑު ސްކޫލްގެ އެހެން ތަންތަނަށް ވެސް ވަނީ ފެތުރިފައެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އަލިފާން ގަނޑު ފުރަތަމަ ރޯވީ ހޯލްގައެވެ. އޭގެ ފަހުން، ސްކޫލްގެ އެހެން ތަންތަނަށް ވެސް އަލިފާން ގަނޑު ފެތުރިފައިވާ ކަމަށް އެމީހާ ބުންޏެވެ.
“މިތަނުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން އަލިފާން ނިއްވާލެވޭ ވަރަށް ވުރެ މާ ބޮޑުވަރު ވެފައި އޮތީ. އަލިފާން ނިއްވާ ފުޅިއެއް ބޭނުން ކޮށްގެން އަލިފާން ގަނޑު ނިއްވާ ނުލެވޭނެ. މިހާރު ބައިގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެ، މިތަނުގައި އަލިފާން ރޯވެފައިވާތާ،” އެމީހާ ކިޔައި ދިނެވެ.
އެމްއެންޑީއެފް އިން ދެންމެ ބުނީ ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ގދ. ތިނަދޫ ފަޔާ ސްޓޭޝަނުން އެ ރަށަށް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ ރަށަށް ދިއުމަށް 45 ވަރަކަށް މިނެޓު ނަގާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ފުލުހުން ބުނީ ފިޔޯރީ ސްކޫލްގެ ބާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް މިއަދު 17:20 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންނާއި އާންމުން ގުޅިގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފިޔޯރީ ސްކޫލްގެ ބާ އިމާރާތުގައި ރޯވި ނަމަވެސް އެ ތަނަކީ މިހާރު ވެސް ދަރިވަރުންނަށް ކިޔަވައި ދެމުން އަންނަ ތަނެކެވެ. އެގޮތުން ތިން ގްރޭޑެއްގެ ކުދިންނަށް އެ ތަނުގައި ކިޔަވައިދެއެވެ.
ފިޔޯރީ ސްކޫލުގައި 180 އަށް ވުރެ ގިނަ ކުދިން ކިޔަވަމުންދެއެވެ. އެ ސްކޫލުގެ ޖަލްސާތަކާއި އެހެނިހެން ހަފުލާތައް ވެސް ބާއްވަނީ ރޯވި އިމާރާތުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލިފާން ރޯވި އިމާރާތުގައި ފަސް ކްލާސް ރޫމެއް ހުންނަ ކަމަށެވެ. އަދި އެ ތަނުން ތިން ކްލާސް ރޫމްގައި ކުދިން ކިޔަވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ފިޔޯރީ ސްކޫލުގައި ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް އެ މިނިސްޓްރީ އާއި ސްކޫލާ ގުޅިގެން ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ހާދިސާ ހިނގި ސަބަބު ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.



