މެސީއާއި ނޭމާ ނާރުވާ ކުޅުނު މެޗުން ޕީއެސްޖީ ބަލިވެއްޖެ
ފުރާންސް ލީގުގައި ރޭ ރަށުން ބޭރުގައި ލެންސް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނުމެޗްގައި މެސީއާއި ނޭމާ ނުހިމަނައި ކުޅެފައިވާއިރު، އެމެޗުން ޕީއެސްޖީ ބަލިވެއްޖެއެވެ.
އެންމެ ފަހުގެ ޗެންޕިއަން ޕީއެސްޖީ 3-1 ބަލިވެފައިވީއިރު، ރޭގެ މެޗުގައި މެސީ އާއި ނޭމާ ޓީމުގައި ނުހިމެނުނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ފަހު އާޖެންޓީނާގެ ކެޕްޓަން މެސީ އަދިވެސް ޗުއްޓީގައި ހުރުމުންނެވެ. ނޭމާއަށް ނޭރުނީ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ސަސްޕެންޝަނުގައި ހުންނަން ޖެހުމުންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ލެންސް އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފަސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ މިޑްފީލްޑަރ ޕްރޮޒެމިސްލޯ ފްރޭންކޮވްސްކީ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީގެ ޒުވާން ފޮވާޑް ހޫގޯ އެކިޓިކޭ ވަނީ ލަނޑެއްކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދީފައެވެ.
ފުރާންސް ލިގުގެ ދެވަނާގައި މިވަގުތު އޮތް ލެންސް އިން މިމެޗުގައި ދެވަނަ ފަހަރަށް ލީޑުނެގީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ޒުވާން ފޯވާޑް ލޮއިސް އޯޕަންޑާ އެވެ. މިއީ އައިވަރިކޯސްޓްގެ މިޑްފީލްޑަރ ސެކޯ ފޮފާނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓް ކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-1 ލެންސް ކުރީގައި އޮވެގެން ނެވެ.
ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ލެންސް އިން ވަނީ އިތުރު ލަނޑެއްކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރާންސްގެ ޒުވާން ފޯވާޑް އެލެކްސިސް ކްލައުޑް-މޮރިސް އެވެ. މިއީ ބެލްޖިއަމްގެ ޒުވާން ފޯވާޑް ލޮއިސް އޯޕަންޑާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ލެންސް އިން ވަނީ 17 މެޗުން 40 ޕޮއިންޓް ހަމަކޮށް އެއްވަނާގައި އޮތް ޕީއެސްޖީ އާއި ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް ޕީއެސްޖީ އަދިވެސް އޮތީ ލީގު ތާވަލުގެ އެއްވާނާގައެވެ. ލީގުގައި ކުޅުނު 17 މެޗުން އެޓީމަށް ވަނި 44 ޕޮއިންޓް ލިބިފައެވެ.



