އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓު ނަންބަރު ތަރުތީބު ކޮށްފި
އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީގައިވާ ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓުން ނަންބަރު ތަރުތީބު ކޮށްފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ފާޓީގެ ރައީސް މުހައްމަދު ނަޝީދު އާއި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއެވެ.
އެމްޑީޕީން މިއަދު ބުނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަށްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައިވަނީ މިއަދު ކަމަށެވެ.
އެގޮތުން އެމްޑީޕީން ބުނީ ކެންޑިޑޭޓް ނަންބަރު އެކެއް ރައީސް މުހައްމަދު ނަޝީދަށް ލިބިފައިވާއިރު ކެންޑިޑޭޓް ނަންބަރު ދޭއް ލިބިވަޑައިގަތީ ރައީސް ޞާލިޙަށް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މި ޕްރައިމަރީ ވެގެންދާނީ ފަހުގެ ތާރީޚެއްގައި އެމްޑީޕީގައި ބޭއްވޭ އެންމެ ވާދަވެރި ޕްރައިމަރީއަށެވެ.
އެމްޑީޕީން ވަނީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެޕާޓީގެ ޓިކެޓު ދިނުމަށް ބާއްވާ ޕްރައިމަރީއަށް އެކުލަވައިލަންޖެހޭ ފަސް މެންބަރުންގެ އިންތިހާބު ކޮމިޓީ އެކުލަވާލައިފިއެވެ. ޕްރައިމަރީ ކޮމިޓީ އެކުލަވާލާފައި ވަނީ ރައީސް ނަޝީދު ފެކްޝަނުން ހުށަހެޅި ގޮތަށް ތަރުހީބެއް ނުލިބިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އޮންލައިންކޮށްވެސް ފޯމު ހުށަހެޅޭ ގޮތަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު4:00 ގައި އެވެ.
އެމްޑީޕީން މީޑިއާގައި ބުނީ ވަގުތު ހަމަވިއިރު ފޯމު ހުށަހެޅި އެ ދެބޭފުޅުން ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ފޯމު ހުށަހަޅުއްވައިފައެވެ.
އެމްޑީޕީން ބުނީ ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރަން ފޯމު ހުށަހަޅަން ޖެހެނީ 500 މީހުންގެ ސޮޔާއި އެކުއެވެ.
ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނަޝީދު ފޯމު ހުށަހެޅުއްވީ އޮންލައިންކޮށެވެ. އަދި ތާއީދު ފޯމުގެ އަދަދު ހާމައެއް ނުކުރެއެވެ.
ރައީސް ޞާލިހު ޕްރައިމަރީގައި ވާދަ ކުރައްވަން ފޯމު ހުށަހެޅުއްވީ 11،000 މީހުންގެ ތާއީދު ފޯމާއި އެކުއެވެ.



