ބޭބެ ބޮލަށް ވަޅިޖެހި ކޮއްކޮ، މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެއްޖެ
ހެންވޭރު ގެއެއްގައި އިއްޔެ ދެބެންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ބޭބެގެ ބޮލަށް ވަޅިން ހަމަލާދިން އަންހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާކަން ހާމަވެއްޖެއެވެ.
ހެންވޭރު ގެއެއްގައި ދެމީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު އިއްޔެ މެންދުރު 12:21ގައި ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 25 އަހަރުގެ ލަމްހާ ނަސީރު، މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. އެ ކޯޓު އަމުރުގައިވާ ގޮތުން އޭނާ ވަނީ މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެފައެވެ.
އެ މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް ފުލުހުން އިއްޔެ ބުނީ، މިހާތަނަށް ބެލިބެލުމުން އެ މަރާމާރީއަކީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގައިދިޔަ ކަމެއް ކަން އެނގިފައިވާކަމަށެވެ.
އެ މާރާމާރީގައި ޒަޚަމްވި 37 އަހަރުގެ މީހާއަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ ސެނެހިޔާ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އޭނާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެ މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


