ތޭރަ ކިލޯގެ މަސްތުވާތަކެއްޗާއި، ހަލައްކަ ރުފިޔާ އަތުލައިގެންފި
ފުލުހުން ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 13.56 ކިލޯގެ މަސްތުވާތަކެއްޗާއި ހަލައްކަ ދިވެހި ރުފިޔާ އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންޓަރ ނާކޮޓިސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމެންޓް ޓީމްތަކުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 13.56 ކިލޯގެ މަސްތުވާތަކެއްޗާއި -/644020 ރުފިޔާ ހޯދާފައިވާ ކަމަށެވެ.
މިތަކެތި ހޯދީ މާލޭގެ ދެގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކޮށް ހިންގި އޮޕަރޭޝަނެއްގައި ކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.
މިއޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވިއެވެ.
މިއޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފުލުހުން އަތުލައިގަތް ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމަކަށް ކޮމިޝަނަރ ވިދާޅެއް ނުވެއެވެ.
ރޭ ފުލުހުން ހިންގި އޮޕަރޭޝަންގައި 13 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމާއިއެކު ފާއިތުވި ތިން ހަފްތާ ދުވަހުގެ ތެރޭގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު ވަނީ 100 ކިލޯ އާއި ގާތް ކޮށްފައެވެ.
މިދިޔަ މަހު ފަހުކޮޅުން ފެށިގެން މިމަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ފުލުހުން ގއ.ހޯނޑެއްދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހޯނޑެއްދޫން 13 ކިލޯގެ މަސްތުވާތަކެތި އަދި އެރަށް ކައިރީ އޮތް ފަޅުރަށަކުން 69 ކިލޯގެ މަސްތުވާތަކެތި ހޯދިއެވެ. އެހެންކަމުން އެއޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 82 ކިލޯ އަށް އަރައެވެ.
ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އަންނަނީ ވަރަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. ނަމަވެސް އާއްމުންގެ ކަންބޮޑުވުމަކީ އެފަދަ އޮޕަރޭޝަންތަކުގައި ހައްޔަރު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، މިނިވަން ވެގެން ދިއުމެވެ.


އަދިވެސް ތިބައިވަރު ކިލޯ ކިލޯއިން މާލެއާއި ރާއްޖޭގެ ރަށްތަކުގައި ހުންނާނެ ކަމަށް ފެންނަނީ..ފުލުުންގެ މަސައްކަތަށް ޝުކުރު ދަންނަވަން…މަސައްކަތް އިތުރު ކުރައްވާ..ގައުުމު ސަލާމަތް ކުރައްވާ..ރައްޔިތުންގެ އެއްބާރު ލެއްވުން ފުލުހުންނަށް ދެއްވާ..ގައުމަކީ ތިބޭފުޅުންގެވެސް ގައުމު.