ހަސަން ކުރުސީ އަކީ ރައީސް ނަޝީދުކަމަށް ރޮޒެއިނާ ވިދާޅުވެއްޖެ
ޓުވިޓާ މެދުވެރިކޮށް ރާއްޖޭގެ މިހާރުގެ ސަރުކާރަށް ފާޑުކިޔާ، އިސްލާމްދީނުގެ ބައެއް ހުކުމްތަކާއި އިސްލާމް ދީނުގައިވާ ބައެއް ކަންކަމަށް ގޮންޖަހާ އެކަުންޓެއް ކަމުގައިވާ “ހަސަން ކުރުސީ” އެކައުންޓުގެ ފަހަތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުކަން ފަޅާއަރައިފި ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަން (ރޮޒޭ) ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިފަދައިން ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި ގާތް އެކުވެރިންނާއި ރަހުމަތްތެރިންނަށް ފަޅު ރަށްތައް ބެހި ކަމަށް ވިދާޅުވެ ރޮޒެއިނާ ކުރި ޓްވީޓަކަށް ހަސަން ކުރުސީ އެކައުންޓުން ދިން ރައްދުގެ ސަބަބުންނެވެ.
އެގޮތުން ހަސަން ކުރުސީގެ އެކައުންޓުން ދިން ރައްދުގައި ބުނެފައިވަނީ، “ރޮސޭ” އަކީ ފައިސާ އާއި މަގާމާއި، މަޝްހޫރުކަމުގެ ބޭނުމުގައި އުޅޭ ފަރާތެއް ކަމަށާއި، އިސްލާހަށް މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅޭ ބޭކަނބަލެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މެމްބަރު ރޮޒެއިނާ، ރައީސް އަބްދުﷲ ޔާމީން ނުވަތަ ކާނަލް ނާޒިމް އަދި އުމަރު ނަސީރު ނުވަތަ އަބްދުލްރަހީމް އަބްދުﷲގެ ފަހަތުން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ހަސަން ކުރުސީ ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
މި ޓުވީޓަށް ޖަވާބުދީ މެމްބަރު ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމަނާއަށް “ރޮސޭ”ގެ ނަމުން މުހާތަބުކުރާ ހަމައެކަނި ފަރާތަކީ ރައީސް ނަޝީދު ކަމަށާއި، ހަސަން ކުރުސީ އަކީ ރައީސް ނަޝީދުކަން ފަޅާ އެރީ ކަމަށެވެ. އަދި ރައީސް ނަޝީދަކީ އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ ބާރުވެރިކަމަށް ދަހިވެތިވެފައިވާ، އެމްޑީޕީ އާއި މުޅި ގައުމު ހަލާކުކޮށްލަން މަސައްކަތްކުރާ ބޭފުޅެއް ކަމަށާއި ރައީސް ނަޝީދު ލަދުގަންނަން ޖެހިވަޑައިގަންނަވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ޓުވިޓާގައި ”ހަސަން ކުރުސީ“ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން އިސްލާމްދީނުގެ ބައެއް ހުކުމްތަކާއި އިސްލާމް ދީނުގައިވާ ބައެއް ކަންކަމަށް ފާޅުގައި ގޮންޖަހާ ފުރައްސާރަކޮށް ދީނާ ހިލާފު ކަންކަން އާންމު ކުރަން މަސައްކަތް ކުރާތީ އެ މައްސަލަ ގިނަ އަދަދެއްގެ އިލްމުވެރިން ހިމެނޭ ރައްޔިތުންގެ އިއްތިހާދުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވެއެވެ.
މީގެކުރިންވެސް އެހެން ނަމެއްގައި ރައީސް ނަޝީދު ޓުވިޓާގައި އެކައުންޓެއް ހުޅުވާ އޭގެ ބޭނުންކޮށްފައިވާއިރު، އެގޮތަށް އެކަން ކުރާކަމަށް ރައީސް ނަޝިދު އެއްބަސްވެވަޑައިގެންފައިވެސް ވެއެވެ.

