ރިޕޯޓް

ރާއްޖެ އިސްލާމްވީ ދުވަސް 1444

ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރެވެނީ ރާއްޖެ އިސްލާމް ވީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް މިގޮތަށް ފާހަގަކުރެވެނީ އެއިރު ރަސްކަމުގައި ހުންނެވި ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުން އެ ދީނަށް އެނބުރުމަށް 548ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ކުރީކޮޅުގެ އަމުރުކުރެއްވުމުންނެވެ. ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްވެވަޑައިގަތުމަށް ފަހު އިޚްތިޔާރު ކުރެއްވި ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲއެވެ. ދިވެހީންގެ މެދުގައި މި ރަދުންގެ ނަންފުޅު މަޝްހޫރު ވެފައި ވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548ވަނަ އަހަރު  ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153ވަނަ އަހަރެވެ. ރާއްޖޭގައި ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ.

ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1954ވަނަ އަހަރެވެ. އޭރު ރަސްކަމުގައި ހުންނެވީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްއެވެ. އެއަށް ފަހު 1388ހ. (1968މ.)ވަނަ އަހަރު ފެށިގެން މި ދުވަސް ފާހަގަކުރެއްވުން ސަރުކާރުން ހުއްޓަވާލެއްވުމަށް ފަހު އަލުން ފާހަގަކުރައްވަން ފެށްޓެވީ 29 މުޙައްރަމް 1421 (4 މެއި 2000) ބުރާސްފަތި ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. އެއީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރެއްވުމަށް ފެނިވަޑައިގެންނެވެ.

މިއަދަކީ ދިވެހި ދައުލަތް އިސްލާމްދީން ޤަބޫލު ކުރިތާ 896 ވަނައަހަރު ފުރޭ ދުވަހެވެ. ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނާރެސް މީޑިއާ ޓީމްގެ ފަރާތުން އަރިސް ކުރަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close