ރައީސް ކޮށްދެއްވާނެކަމަށް ވިދާޅުވާ ކޮންމެ ކަމަކީ ވަޢުދެއް ނޫން: ނަޝީދު
ރައީސުލްޖުމްހުރިއްޔާ ރަށަކަށް ނުވަތަ ހަފްލާއެއް އިފްތިތާހުކޮށްދެން ވަޑައިގެން ނުވަތަ އެހެންވެސް އެފަދަ ތަނެއްގައި ކަމެއް ކޮށްދޭނެ ކަމަށް ވިދާޅުވުމަކީ ވައުދެއް ނޫން ކަމަށާއި، ރައީސަކު ވިދާޅުވާ ކޮންމެ އެއްޗަކީ ވައުދެއް ކަމަށް ހަދައިގެން މަޖިލީހުގައި މެމްބަރުން ވާހަކަދައްކަވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހިއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ އޮތީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މެމްބަރުން ސުވާލު ކުރެއްވުމެވެ.
މެމްބަރުން ކުރާ ސުވާލުތަކުގައި ތަކުރާރުކޮށް “ރިޔާސީ ވައުދު” ގެ ވާހަކަދައްކަވާތީ، ނަޝީދު ވަނީ އެކަން އެގޮތައް މަޖިލީސް މެމްބަރުން ކުރެއްވުން ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ.
”ރައީސުލްޖުމްހުރިއްޔާއަކު އެއްޗެއް ވިދާޅުވީމައި މި މަޖިލީހުގައި އެއީ ވައުދެއް ކަމަށް ނުވަތަ ގާނޫނެއް ކަމަށް ނުވަތަ ހުކުމެއް ކަމަށް ވިދާޅުވެ ވާހަކަދެއްކެވުމަކީ އެއްްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން، “ ތަކުރާރުކޮށް ނަޝީދު ވިދާޅުވި އެވެ.
ރައީސުލްޖުމުހުރިއްޔާގެ ވައުދަކީ ވެރިކަމަށް ވަޑައިގަންނަވާއިރު މެނިފެސްޓޯގައި އޮންނަ އެއްޗެެއް އެކަނި ކަމަށް ނަޝީދު ވިދާޅުވި އެވެ.

