ރާނީގެ ޖަނާޒާއަށް ރައީސް މާދަމާ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ ރައީސް ޞާލިޙް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ އެ ޤައުމުގެ ސަރުކާރުގެ ދަޢުވަތަކަށް ކަމަށެވެ.
އަދި ރައީސް އެ ދަޢުވަތު ގަބޫލު ކުރައްވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
އެ ގޮތުން މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރާނީ އެލިޒަބަތުގެ 2 ގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް އެ މަނިކުފާނު މާދަމާ އެ ޤައުމަށް ފުރާވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

