ގިނައަދަދެއްގެ ޑްރަގްސް ކަނޑުމަތިން އަތުލައިގެންފި
އިންޑިއާގެ ކޯސްޓްގާޑާއި ގުޖުރާތު އެންޓި ޓެރަރިސްޓް ސްކޮޑް (އޭޓީއެސް) ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބުދަ ދުވަހު ޕާކިސްތާނުގެ ބޯޓެއް އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ހަ މޭލު ދުރުން އަތުލައިގެންފި އެވެ.
މި އޮޕަރޭޝަންގައި ބައިވެރިވި ކޯސްޓްގާޑުގެ ފާސްޓް އެޓޭކް ދެ ބޯޓެއް ވަނީ ގުޖުރާތުގެ ޖަޚާއު އައްސޭރިފަށުގެ 33 ނޯޓިކަލް މޭލު ބޭރުން ޕާކިސްތާނުގެ ބޯޓެއް ކަމަށްވާ އަލް ތައްޔާސާ ހިފަހައްޓާފައެވެ. އެބޯޓު އަތުލައިގެން ޗެކްކުރި އިރު 40 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މީގެ ކުރިންވެސް އިންޑިއާގެ ކޯސްޓްގާޑާއި ސްޓޭޓް އޭޓީއެސް އިން ވަނީ ގުޖުރާތުގެ އައްސޭރިފަށުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މިފަދަ މަސައްކަތްތަކެއް ނާކާމިޔާބުކޮށްލައިފަ އެވެ.
2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގުޖުރާތުގެ މުންޑްރާ ބަނދަރުން 2،988 ކިލޯގެ ހެރޮއިންގެ ޝިޕްމަންޓެއް އަތުލައިގެންފައިވާއިރު، އެ ޝިޕްމަންޓުގެ އަގު 21،000 ކްރޯޑް އިންޑިއަން ރުޕީސް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

