ޚަބަރު

ދައުލަތަށް ލިބެންޖެހޭ އަދަދު 14.5 ބިލިއަނަށް: އެންމެ ބޮޑު ބައެއް ނުލިބިވަނީ ޓެކްސްގެ ގޮތުގައި

މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތަށް ތަފާތު އެކި ދާއިރާތަކުން ނުލިބި ހުރި ފައިސާގެ މިންވަރު 14.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ ނިޔަލަށް ނުލިބި ހުރި 13.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

ނުލިބިވާ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ސީދާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއެވެ. ކުރިން 7.8 ބިލިއަން ރުފިޔާގައި ހުރި ޓެކްސް ބާކީ މިހާރު ވަނީ 8.2 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. ވަކިވަކި ޓެކްސްތަކަށް ބަލާއިރު ޖީއެސްޓީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ އަދި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. މީގެއިތުރުން އިންކަމް ޓެކުހުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހެއެވެ.

ޓެކްސް ފައިސާގެ އިތުރުން ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އަދަދުތައްވެސް ވަނީ މައްޗަށް ގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 5.7 ބިލިއަނުން ހަ ބިލިއަން ރުފިޔާއަށް އުފުލިފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ ޖުމުލަ 3.5 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރެއިން 3.3 ބިލިއަން ރުފިޔާއަކީ ސީދާ ޓެކުހުގެ ގޮތުގައި ނުލިބިވާ ފައިސާއެވެ.

ނުލިބި ހުރި ފައިސާގެ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް، އެ ފައިސާ ހޯދުމަށް މީރާއިން އަންނނީ ގާނޫނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފައިސާ ނުދައްކާ ފަރާތްތަކަށް ނޯޓިސް ފޮނުވުމާއި ބޭންކު އެކައުންޓުތައް ފްރީޒްކުރުން ފަދަ ފިޔަވަޅުތައް އަޅައިގެން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެކި ގޮތްގޮތުން ދެ ބިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާކަން މީރާއިން ފާހަގަކުރެއެވެ.


Surukhee (Thaana): ދައުލަތަށް ލިބެންޖެހޭ އަދަދު 14.5 ބިލިއަނަށް: އެންމެ ބޮޑު ބައެއް ނުލިބިވަނީ ޓެކްސްގެ ގޮތުގައި

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close