ކޮވިޑާ ގުޅިގެން އިމްޕޯޓް ޑިއުޓީން ބޮޑުބައެއް މަޢާފްކޮށްދެއްވައިފި
ކޯވިޑް19އާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ ބައެއް މުދަލުން ނަގާ ޑިއުޓީ މަޢާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ނިންމާވާފައިވުމުން، އެފަދަ ބާވަތްތަކުން ޖުމްލަ 16.2 މިލިއަން ރުފިޔާ މަޢާފް ކޮށްދެއްވައިފިއެވެ.
ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް އެތެރެކުރި ބައެއް މުދަލުގެ ޑިއުޓީއަށް އެރި ފައިސާގެ ތެރެއިން، 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަސްޓަމްސް އިން މަޢާފްކޮށްދެއްވާފައިވާއިރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ ކޯވިޑްއާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ ބައެއް ތަކެތިން ނަގާ ޑިއުޓީ ރައީސުލްޖުމްހޫރިއްޔާ މަޢާފްކޮށްދެއްވާފައިވަނީ އޭޕްރީލްމަހުގެ ތެރޭގައިކަމަށެވެ. އޭގެފަހުން މާޗުމަހުވެސް ބައެއް ތަކެތިން ނަގާ ޑިއުޓީ ރައީސް މަޢާފްކޮށްދެއްވިއެވެ.
ޑިއުޓީ މަޢާފްކުރި ތަކެތީގެ ތެރޭގައި ޞިއްޙީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވަރއޯލް، ހަޒްމަޓް ސޫޓްސް، ސަރޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތި ހިމެނެއެވެ. މީގެއިތުރުން ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާއި މާސްކާއި ފޭސް ޝީލްޑް، އަދި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒަރ ފަދަ ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީވެސް ވަނީ ކަނޑާލާފައެވެ.
