އިސްލާމް ދީނުގައި ބުމަހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟
ސުވާލު:
އިސްލާމް ދީނުގައި ބުމަހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:
بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.
ބުމަ ހެދުމާއި ބެހޭގޮތުން އިމާމް ބުޚާރި އާއި މުސްލިމް އަދި ސުނަނުގެ ބޭކަލުން، އަބްދުﷲ ބުނު މަސްޢޫދުގެ އަރިހުން ރިވާކުރައްވާފައިވާ ޞައްޙައް ޙަދިޘްފުޅެއްގައިވެއެވެ. ((أَنَّ النَّبيَّ صَلَّى الله عَلَيه وَسَلَّمَ لَعَنَ النَّامِصَات وَالْمُتَنَمِّصَات)) މާނައީ: ” މާތް ﷲގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލަހިވަސައްލަމް ބުމަހަދައިދޭމީހާއާއި އަދި ބުމަހަދުވާމީހާއަށް ލަޢުނަތްލެއްވިއެވެ. “
އިސްވެދިޔަ ޙަދީޘުން ބުމަ ހެދުމަކީ ޙަރާމްކަމެއްކަމަށް ވަރަށް ސާފުކޮށް އެނގެއެވެ.
ވީމާ، ފިރިމީހާ ހުއްދަ ދިންކަމަކަށް ވިޔަސް އަދި އެކަމަށް ފިރިމީހާ އަމުރު ކުރިނަމަވެސް އެކަން ކުރުން އިސްލާމްދީނުގައި ހުއްދަނުވާނެއެވެ. އެބަހީ މާތްﷲ އަށް އުރެދުމެއްވާ ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތެވެ.
ނަމަވެސް އާދަޔާ ޚިލާފަށް ގަދަޔަށް، ނުވަތަ އިންސާނީ ވަންތަކަން ގެއްލޭފަދަ ގޮތަކަށް ބުމަފަޅާފައިހުރި މީހެއްނަމަ، އެފަދަ ހުތުރުކަމެއް ފިލައިދާވަރަށް ބުމަކޮށުމަށް ބައެއް ޢިލްމުވެރިން ހުއްދަދެއްވައެވެ. ނަމަވެސް އެއީ އެފަދަ ޟަރޫރީ ޙާލަތަކަށް ޓަކައި އެކަންޏެވެ. އެކަމުގެ ނާޖާއިޒް ފައިދާ ނެގުމަކަށް ނޫނެވެ.
والله أعلم.

