އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގި އިތުރު ތިން މީހަކު ހައްޔަރުކޮށްފި
ބަނގުލާދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމް ގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގި އިތުރު ތިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކާއި ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 45 އަހަރުގެ މީހާއަށް ފަސް ދުވަސް، 47 އަހަރުގެ މީހާއަށް 14 ދުވަސް އަދި 49 އަހަރުގެ މީހާއަށް 14 ދުވަސް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިތިން މީހުންނާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މީގެ ދެތިން މަސް ދުވަސް ކުރިން ފެންމަތިވި އަލަމްގިރު މައްސަލައިގައި ހިމެނޭ ބައެކެވެ.
އަލަމްގިރު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރު ކުރުމުން އެމައްސަލައިގައި ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު މިވަނީ ހަޔަކަށް އަރާފައެވެ. މިތިން މީހުންގެ އިތުރުން ދެން ހައްޔަރުކޮށް އަދި މިހާރު ދައުވާ އުފުލާފައި ވަނީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއު އަށެވެ.
މީޑިއާގައި ލީކްވެފައިވާ އަލަމްގިރުގެ ބަޔާނުގައި އޭނާ ބުނެފައިވާ ގޮތުގައި އޭނާ ވަނީ 45 އާއި 50 އާއި ދެމެދުގެ އަދަދެއްގެ މީހުންނާއި އެއްޖިންސިން ގުޅުން ހިންގި މައްސަލަ ވީޑިއޯ ކޮށްފައެވެ. ނަމަވެސް އޭނާ ވީޑިއޯނުކޮށް އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް ވުރެ ގިނަ ކަމަށް ވެއެވެ.
އަލަމްގިރު މައްސަލައިގެ ތަހްގީގު ކުރިއަށް ގެންދިއުން ލަސްކަމަށް ބުނެ ފުލުހުންނަށާއި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް ފުލުހުން ވިދާޅުވާ ގޮތުގައި ތަހްގީގު ލަސްވަނީ ވީޑިއޯތަކުން ފެންނަ މީހުން ފޮރެންސިކް ތަހްލީލްތަކުން ކަށަވަރު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭތީއެވެ.

