ކޯޓު އަމުރާ ހިލާފުވިކަމަށް ކަނޑައަޅާ ‘އަދަދު’ ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ގަޒުފުކުރި ކަމަށް ބުނާ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ، ‘އަދަދު’ ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލުމަށް މިއަދު ހުކުމްކޮށްފިއެވެ. މިގޮތުން ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން 15 ދުވަހަށް އަދި ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައެވެ.
މި މައްސަލަ ފެށުނީ ‘އަދަދު’ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާ އުފުލައި، އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން އިއްޔެ އަމުރު ނެރުމާ ގުޅިގެންނެވެ. ލީވާންގެ މައްޗަށް ތުހުމަތު ކުރެވުނީ އެ އަމުރުގެ ޚަބަރު އަމުރާ ހިލާފަށް ލިޔުނު ކަމަށެވެ. އަދި ޝަހުޒާންގެ މައްޗަށް ތުހުމަތު ކުރެވުނީ ރައީސް އޮފީހުގެ ޕްރެސްގައި އެ އަމުރާ ހިލާފަށް ރައީސްއާ ސުވާލުކުރި ކަމަށެވެ.
ޝަރީއަތުގައި ވަކީލަކު އައްޔަންކުރަން ޝަހުޒާން ފުރުސަތަކަށް އެދުމުން ކޯޓުން ދިނީ އެންމެ ދެ ގަޑިއިރެވެ. އެ ވަގުތުގެ ތެރޭގައި ވަކީލަކު ހަމަނުޖެހުމުން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި އޭނާ ޖަލަށްލުމުގެ އިތުރުން 25,000 ރުފިޔާއިން ޖޫރިމަނާވެސް ކުރިއެވެ. ލީވާންއާ މެދުވެސް ކޯޓުން އަމަލުކުރީ މިގޮތަށެވެ.
މި މައްސަލާގައި ހިމެނޭ ތިން މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ކޯޓުން ވަނީ ‘އައިޝާ’ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުމާއި މައުލޫމާތު ފެތުރުން މަނާކޮށްފައެވެ.


