ޔުއެފާ ޗެމްޕިއަންސް ލީގުގައި ނަޕޯލީ އިން ލިވަޕޫލްގޯލަށް 4 އެތި ޖަހައިފި
ޔުއެފާ ޗެމްޕިއަންސް ލީގުގައި ނަޕޯލީ އިން ލިވަޕޫލްގެ ގޯލަށް 4 ލަނޑު ޖަހަިއގެން ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ. އެމެޗްގައި ލިވަރޕޫލަށް ޖެހުނީ އެންމެ ގޯލެކެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗް 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނަޕޯލީ ކުރި ހޯދިއިުރ، މި މެޗު ފެށިގެން ކުރީ ކޮޅު ނަޕޯލީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ފަސް ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ޒިއެލިންސްކީއެވެ.
މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ނަޕޯލީންނެވެ. މިގޮތުން 18 ވަނަ މިނެޓުގައި އެޓީމަށް ވަނީ އިތުރު ޕެނަލްޓީއެއް ލިބިފައެވެ. ވިކްޓާ ފޮނުވާލި މި ޕެނަލްޓީ ނާކާމިޔާބުވެ، ނަޕޯލީއަށް ލީޑު ފުޅާ ކުރެވޭ ގޮތެއް ނުވިއެވެ.
ނަމަވެސް މެޗުގެ 31 ވަނަ މިނެޓުގައި ނަޕޯލީން ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަނގުއިސާއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަޕޯލީއަށް ތިން ވަނަ ލަނޑު ޖަހައިދިނީ ސިމިއޯނީއެވެ.
މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމިފައި ވަނީ ލިވަޕޫލްގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ނަޕޯލީ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފެށިގެން ލިވަޕޫލް އިން އެޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނެއެވެ.
ނަމަވެސް މި ހާފް ފެށިގެން ދެވަނަ މިނެޓުގައި ނަޕޯލީން ވަނީ ޒިއެލިންސްކީގެ ލަނޑުން ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. މި މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލުއިސް ޑިއާޒްއެވެ.
ޗެމްޕިއަންސް ލީގުގައި ނަޕޯލީ އަދި ލިވަޕޫލް ހިމެނެނީ އަޔަކްސް އަދި ރޭންޖާސްއާއެކު ގްރޫޕް “އޭ” ގައެވެ.


