ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ހާހަކަށްވުރެ ގިނަމީހުން މަރުވެ އެތައްބައެއްގެ ގެދޮރު ގެއްލިއްޖެ
ޕާކިސްތާނުގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގެ ސަބަބުން ޖޫން މަހުން ފެށިގެން ގާތްގަނޑަކަށް 1000 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެ ގެދޮރު ދޫކޮށްލާފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން 33 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މިހާދިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ކުރިމަތިލާން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
ޖޫން މަހު ފެށުނު އަދި ޕާކިސްތާނުގައި މިހާރުވެސް ގިނަ ގެއްލުންތަކެއް ކުރަމުންދާ މޫސުމީ ފެންބޮޑުވުމާ ކުރިމަތިލުމަށް ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 45 މީހުން މަރުވެފައިވާ ކަމަށެވެ. އެއާއެކު ޖޫން މަހުގެ މެދުތެރެއިން ފެށިގެން މަރުވި މީހުންގެ އަދަދު 982 އަށް އަރާފައިވާއިރު 1456 މީހުންވަނީ ޒަހަމްވެފަ އެވެ.
ޕާކިސްތާނުގެ ގިނަ ސަރަހައްދުތަކަށް ވަދެވޭ ގޮތް ނުވެ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ތާށި ވެފައިވާ އެތައް ހާސް ބަޔަކު ނެރުމަށް ސަލާމަތް ކުރާ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ބޮޑަށް ގެއްލުން ލިބެނީ ބަލޫޗިސްތާނާއި ސިންދު ޕްރޮވިންސް ސަރަހައްދުތަކަށެވެ.
ޚައިބަރ ޕަޚްތުންޚްވާ ޕްރޮވިންސްގެ ސްވަޓްގައި ބިންގަނޑު ކަނޑައި ދިއުމުގެ ސަބަބުން ތިން މީހަކު މަރުވެފައިވާއިރު، ކާބުލް ކޯރުގައި “ވަރަށް ބޮޑު ފެންބޮޑުވުމެއް” ކުރިމަތިވި ދަނޑިވަޅެއްގައި ނޮވްޝޭރާގެ ކަމާބެހޭ ފަރާތްތަކުން ވަގުތުން އެތަންތަން ދޫކޮށް ދިއުމަށް އެދުނެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި ބްރިޖްތަކާއި މަގުތަކާއި ހޮޓަލްތައް ފެންގަނޑުގެ އަޑިއަށް ގޮސް މީހުން ގެދޮރު ހުސްކުރަން ދުވާތަން ފެނެ އެވެ. އެޕްރޮވިންސަށް ސަލާމަތީ އެހީތެރިކަމަށް އެދި ސިފައިންނަށް ވަނީ ގޮވާލައިފައެވެ.
ޑެޕިއުޓީ ކޮމިޝަނަރު ސްވަތު ހުކުރު ދުވަހު ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން 15 ބްރިޖް މުޅިން ހަލާކުވެފައިވާ ކަމަށާއި 100 އަށް ވުރެ ގިނަ ގެއާއި މަދުވެގެން 50 ހޮޓަލާއި ރެސްޓޯރެންޓް ވެސް ހަލާކުވެފައިވާ ކަމަށެވެ.


