ދުނިޔޭގެ ހަކަތަ މާކެޓްތައް ހަމައަކަށް އެޅުވުމާއި، ކާބޯތަކެތި ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސައުދީ އަރަބިއްޔާ އާއި ފްރާންސް މަޝްވަރާކޮށްފި
ރިޔާދު – ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ދުނިޔޭގެ ހަކަތަ މާކެޓްތަކާއި ކާބޯތަކެތި ހަމައަކަށް އެޅުވުމުގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ދައުލަތުގެ ނިއުސް އެޖެންސީ (އެސްޕީއޭ) އިން ހުކުރު ދުވަހު ޝާއިއުކޮށްފި އެވެ.
އަދި ސޯލާ އެނާޖީ އާއި ކްލީން ހައިޑްރޯޖަން ހިމެނޭ ގޮތަށް އިއާދަކުރަނިވި ހަކަތައާ ގުޅޭ ގޮތުން އެއްބާރުލުން ދިނުން އިތުރު ކުރުމަށް ދެ ލީޑަރުން ވެސް އެއްބަސްވެފައިވާ ކަމަށް އެބޭފުޅުންގެ ބަޔާނުގައިވެ އެވެ.
މެކްރޮން އާއި ޕްރިންސް މުހައްމަދު ވަނީ އަގުތައް ހަމައަކަށް އެޅުވުމަށް އެހީތެރިވުމަށް ދުނިޔޭގެ ގައުމުތަކަށް މެދުކެނޑުމެއްނެތި ހަނޑުލާއި ދަނޑުވެރިކަމުގެ ބާވަތްތައް ފޯރުކޮށްދިނުން ކަށަވަރުކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
އަދި ދެ ގައުމަށް ވެސް ކުރިމަތިވެފައިވާ ނުރައްކާތަކާއި މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުން ކުރިއަށް އޮތްތަނުގައި ވެސް އިވެލުއޭޓް ކުރުމުގެ ބޭނުންތެރިކަން ފާހަގަކޮށްފައިވާ ކަމަށް އެސްޕީއޭގެ ބަޔާނުގައިވެ އެވެ.
ދިފާއީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށާއި، އިގްތިސާދީ އެއްބާރުލުން އިތުރުކޮށް އިންވެސްޓްމަންޓްތައް ހަރުދަނާ ކުރުމަށް އެއްބަސްވެވަޑައިގެންނެވިއެވެ.
އެކްސްޕޯ 2030 ބާއްވަން ސައުދީ އަރަބިއްޔާއިން ކުރި މަސައްކަތަށް ފްރާންސުން ތާއީދު ކުރުމުން ޕްރިންސް މުހައްމަދު ވަނީ މެކްރޮންއަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ލީޑަރުން ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރުއުފެއްދުން ހުއްޓުވުމަށް ކުރާ ބައިނަލްއަގްވާމީ މަސައްކަތްތަކާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއަށް އެއްބާރުލުން ދިނުމަށް އިރާނަށް ދައުލަތަށް އިލްތިމާސް ކުރައްވާފަ އެވެ.
ބައިނަލްއަގްވާމީ މައްސަލަތައް ހައްލުކުރުމަށް ޑިޕްލޮމެސީ އާއި ސުލްހަވެރި ވަސީލަތްތަކަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެއްބަސްވެ، ދައުލަތްތަކުގެ އެއްބައިވަންތަކަމާއި އިސްތިގުލާލަށް އިހުތިރާމްކުރުމާއި އެއްވެސް ގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ބާރުއަޅާފައިވެ އެވެ.
މަޝްވަރާކުރެވުނު މުހިންމު މައްސަލަތަކުގެ ތެރޭގައި ލުބުނާނުގެ އިގްތިސާދީ ދަތިކަން ހިމެނޭއިރު، ދެ ލީޑަރުން ވެސް ވަނީ ލުބުނާނުގެ އިސްތިގުލާލާއި ސަލާމަތާއި ހަމަޖެހުމަށް ތާއީދުކުރާ ކަމަށާއި ސިޔާސީ އަދި އިގްތިސާދީ ގޮތުން ފުރިހަމަ އިސްލާހުތައް ތަންފީޒުކުރުމުގެ މުހިންމުކަން ތަކުރާރުކޮށްފަ އެވެ.
ދެލީޑަރުން ވަނީ ލުބުނާނުގައި އިންސާނީ އެހީތެރިކަމާއި ރިލީފްގެ މަސައްކަތްތަކަށް ތާއީދުކޮށް ސައުދީ-ފްރާންސް ފަންޑުން ކުރާ މަސައްކަތްތައް މުރާޖައާކޮށްފަ އެވެ.
ޕްރިންސް މުހައްމަދާއި މެކްރޮން އެއްބަސްވެވަޑައިގަތީ އިރުމަތީ ގުދުސްގެ ވެރިރަށް ކަމުގައިވާ މިނިވަން ދައުލަތެއް ގާއިމްކުރުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ކަށަވަރުކޮށްދޭ ގޮތަކަށް ފަލަސްތީނުގައި ދެ ދައުލަތުގެ ހައްލެއް ހޯދުމަށް މަސައްކަތްތައް ވަރުގަދަކުރުމަށެވެ.
އަދި ސީރިއާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ސިޔާސީ ހައްލަކަށް ސޫރިޔާއަށް ވާސިލްވުމާ މެދު މަޝްވަރާތަކުގައި މަޝްވަރާ ކުރެވުނެވެ.
ހުކުރު ދުވަހުގެ ވަގުތެއްގައި ވަލީއަހުދު ފްރާންސަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވީ އޭގެ ކުރީ ދެ ދުވަސް ގްރީސްގައި ހޭދަކުރައްވާފައެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު އެލިސީ ޕެލަސްގައި (ފްރާންސްގެ ރައީސްގެ ރަސްމީ ގެކޮޅު) ވަލީއަހުދަށް މަރުހަބާ ދެންނެވުމުން އެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި ފްރާންސްގެ ލީޑަރު ވަނީ ޕްރިންސް މުހައްމަދާއި އެމަނިކުފާނުގެ ޓީމަށް ޕްރައިވެޓް ޑިނާއެއް ވެސް ބާއްވާފަ އެވެ.



