ޚަބަރު

ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމަވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 20:30 ގައި މ.ދިމްޔާތު ގައެވެ.

މިއީ ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން އާއްމުކޮށް ހުޅުވާލައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް ފާއިތުވި އަށެއްކަ މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ބައެއް މީޑިއާތަކަށް ވަކިވަކިން އިންޓަވިއުތައް ދެއްވާފައެވެ.

މާދަމާ ރޭ ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލު ކުރައްވާއިރު މިދިޔަ ހަފްތާގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ. މިމަހުގެ 19 ވަނަ ދުވަހު ޕީޕީއެމް އިން ގެންދަނީ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލު ކުރުމަށް ބޮޑު ޖަލްސާއަކަށް ވެސް ތައްޔާރުވަމުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ޔާމީން އިއުލާން ކުރެއްވިއިރު ދެމައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއްގެ ޝަރީއަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއިން އެއްވެސް ދައުވާއެއް ސާބިތުވެ، ސުޕްރީމް ކޯޓުން ހުކުމް ދަމަހައްޓައިފިނަމަ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ގެއްލޭނެއެވެ.

2019 ވަނަ އަހަރު ވެސް ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާއިއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އުއްމީދު ގެއްލުނެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ސުޕްރީމް ކޯޓުން އެހުކުމް ބާތިލް ކުރުމުން މިވަގުތު އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނަށް ގާނޫނީ ހުރަހެއް ނެތެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close