ވިޔަފާރީގެ ބޭނުމުގައި ފޭސްބުކް ޕޭޖް ހިންގާ މީހުން އަތުން ވެސް ޓެކްސް ނަގަން ލަފާދީފި
ވިޔަފާރީގެ ބޭނުންތަކުގައި ފޭސްބުކް ޕޭޖް ހިންގާ މީހުން އަތުން ވެސް ޓެކްސް ނަގަން ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ލަފާދީފިއެވެ.
ރާއްޖޭގައި ފޭސްބުކް ޕޭޖްތައް ހިންގާ މީހުންގެ އިތުރުން އެންމެ ކުދި ވިޔަފާރިތައް ކުރާ މީހުން ކަމަށްވާ އަމިއްލަ ގޭގައި ހެދިކާ ހެދުމާއި ކޭކް އެޅުން ފަދަ ކަންކަން ކުރާ މީހުންނާއި މާރުކޭޓްތަކުގައި ގޮޅިތައް ހިންގާ މީހުން އަތުން ވެސް ޓެކްސް ނަގަން ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ވަނީ ލަފާ ދީފައެވެ.
ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ދިން ލަފާގައި ބުނެފައި ވަނީ ޖީއެސްޓީ ދައްކަން ޝަރުތު ހަމަނުވާ ކުދި ވިޔަފާރިތަކަށް ލިބޭ އާމްދަނީ އިން، %2 ނުވަތަ %3 ޓެކްސްގެ ގޮތުގައި ނެގޭނެ ގޮތް ހެދުމަށް ލަފާދޭ ކަމަށެވެ.
2011 ވަނަ އަހަރުގެ އޮކްޓޫބަރ މަހު ރާއްޖޭގައި ޓެކްސް ނަގަން ފެށިފަހުން މިހާތަނަށް ޖީއެސްޓީ ދެއްކުމަށް ރަޖިސްޓްރީ ވާން ޖެހެނީ ވެސް އެއް އަހަރު ދުވަހުގެ ތެރޭގައި ވިއްކި މުދާ ނުވަތަ ހިދުމަތުގެ ޖުމްލަ އަގު އެއްމިލިއަން ރުފިޔާއަށް އަރާނަމައެވެ.
އެއްމިލިއަން ރުފިޔާގެ މުދާ ނުވަތަ ހިދުމަތް ފޯރުކޮށް ނުދޭ ފަރާތްތައް އެއީ ކުދި ވިޔަފާރިތައް ކަމަށް ބަލައި އެފަރާތްތަކުން ޖީއެސްޓީ ދެއްކުމަށް ރަޖިސްޓްރީ ވާކަށް ވެސް ނުޖެހެއެވެ.
ކުދި ވިޔަފާރިތަކަށް ލިބޭ އާމްދަނީ އިން، %2 ނުވަތަ %3 ޓެކްސްގެ ގޮތުގައި ނެގޭނެ ގޮތް ހެދުމަށް ވޯލްޑް ބޭންކުން ލަފާ ދިން ނަމަވެސް އެގޮތައް އަމަލު ކުރަން ނިންމިކަން ނުވަތަ ނޫންކަން ވެސް ސަރުކާރުން އިއުލާނެއް ނުކުރެއެވެ. އެފަދަ ބަދަލެއް ގެންނަން ސަރުކާރުން ބޭނުންވާނަމަ ޓެކްސްގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ.
މިހާރު ސަރުކާރުން ތައްޔާރުވަމުން ދަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށެވެ. މިހާރު ޖީއެސްޓީގެ ގޮތުގައި ނަގަނީ ހަ ޕަސެންޓެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ޖީއެސްޓީގެ ގޮތުގައި އަށް ޕަސެންޓް އަދި ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓް ނަގަން ސަރުކާރުން ވަނީ ނިންމައިފައެވެ. ކުރިއަށް އޮތް ހަފްތާ ތެރޭގައި އެކަމާއި ގުޅޭ ގާނޫނު މަޖިލީހަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.



