ޚަބަރު

ރައީސް ސޯލިހު ބަދުއަޚްލާޤީ އަމަލު ހިންގެވިކަމަށް ނަޝީދު ކުރެއްވި ތުހުމަތަށް ސަރުކާރުން ރައްދުދީފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތަށް ސަރުކާރުންރައްދު ދީފި އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ނަޝީދު މިއަދު ވިދާޅުވީ އެ މަނިކުފާނުގެ އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފޮޓޯތައް ފުލުސް އޮފީހަށް ފޮނުވަންވީތޯ ނަޝީދު އެ ގްރޫޕުގައި ސުވާލު ކުރެއްވި އެވެ.

“އަޅުގަނޑު ހަމަ ދެންމެ ޔޫކޭ އަށް މި ލޭންޑް ކުރީ. ދެން އެ ފޮޓޯތައް ލިބިއްޖެ،” ނަޝީދު ވިދާޅުވި އެވެ.

އެ ކަމާ ގުޅެ ގޮތުން އޮންލައިން ނޫސް “މިހާރު” އިން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވިކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވަނީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.

“އެކަހަލަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީން ކަން ރައީސް ދެއްވާ،” މަބްރޫކް ވިދާޅުވި އެވެ. މިހާރު ނޫހުގައި ބުނެފައިވެއެވެ.

އެފަދަ ފޮޓޯތަކެއް އުޅޭނެތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، ކަމަށް އެނޫހުގައި ބުނެފައިވަނީ “ފުރަތަމަ ކަމަކަށް ފޮޓޯއެއް އުޅޭނީ އެ ކަހަލަ ކަމެއް ކުރައްވައިގެން ނޫންތޯ” ކަމަށެވެ.

“އެ ކަހަލަ ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ރައީސް ދެއްވާ،” ތަކުރާރުކޮށް މަބްރޫކް ވިދާޅުވި އެވެ.

ނަޝީދު ގެންދަވަނީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ މަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރު ކުރި މައްސަލައިގައި ހިތްހަމަޖެހިވަޑައިނުގެން ވަރަށް ބޮޑަށް ސަރުކާރަށް ނުރުހުން ފާޅުކުރައްވަމުންނެވެ.

ނާޒިމް އިއްޔެ ހައްޔަރުކުރުމާއެކު، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ، ކޮއްކޯފުޅު ހައްޔަރުކުރީ ދީނީ ހަރުކަށި މީހުން ރުއްސަން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close