ޚަބަރު

ސިޔާސީ ބައިބައިވުންތަކަކީ ޤައުމުގެ މިނިވަންކަމަށް އޮތް ބޮޑު ގޮންޖެހުމެއް – އިމްރާން

ސިޔާސީ ބައިބައިވުންތަކަކީ ޤައުމުގެ މިނިވަންކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށާއި އެއީ ގޮންޖެހުމެއް ކަމަށް ވެއްޖެނަމަ، ދިވެހިންނަކީ ނިކަމެތި އަޅުވެތި ބަޔަކަށްވުމުގެ ފުރުޞަތު އަބަދުވެސް ކުރިމަތިވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސެއިޚް އިމްރާން މިހެންވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ހުރަވީ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހުރަވީ ދުވަހުގެ ޙާދިސާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، މިއަދު ޤައުމުގެ ޙިމާޔަތުގައި ތެދުވާންޖެހެނީ ކަނޑި ބަޑި ހިފައިގެން ނޫން ކަމަށެވެ. މިއަދު ޤައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނީ ވިސްނުންތެރިކަމާއި ޙިކުމަތާއި ފިކުރާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ދިވެހިންގެ ސިކުނޑިތަކަށް އަމާޒުވާ ނުރައްކާތެރި ވިސްނުންތަށް ދުރުކުރެވޭނީ ރަނގަޅު ބީދައަކުން އަމާޒުކުރެވޭ ތެދުވެރި މަސައްކަތްތަކެއް ކޮށްގެން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“މިއަދު ބަވަނަވެފައިވާ ދުނިޔޭގައި ބައިނަލްއަޤްވާމީ މުޖުތަމައުގައި ކުރިއަށްދާ ހިނދު ކުރިމަތިވަމުން އަންނަ ކަން ކަމާމެދު ފިކުރުކޮށް،އެކަން ކަމުގެ ރިވެތި އުސޫލުން ކުރިމަތިލުމުގެ ހުޝިޔާރު ކަމާ ވިސްނުން ދިވެހި ޒުވާނުންގެ ޚާއްސަކޮށް ދެވެހި ސަލާމަތީ ބާރުތަކުގައި އުފައްދަންޖެހޭ. އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރަންޖެހެނީ މިއުއްމަތުގެ ސަލާމަތާއި ރައްކާތެރިކަން ލިބޭ ގޮތަށް،” ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ޒަމާނާއި ޙާލަތުގެ ފިކުރަށް ވިސްނާ، އެކަމާ ދޭތެރޭ ނަޒަރު ހިންގާ އޭގެ މައްޗަށް ތެދުވެރިވެގެން މެނުވީ، ދިވެހި ޤައުމު ޙިމާޔަތް ނުކުރެވޭނެ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހުރަވީ ދުވަސް ފާހަގަކުރަނީ ހޮޅިންގެ ކިބައިން ރާއްޖެ ސަލާމަތްކުރުމައި ދޮންބަންޑާރައިން ކުރެއްވި މަތިވެރި ޖިޙާދުގެ ޙަނދާން އާކޮށް ޒިކުރާ އާލާކުރުމުގެ ގޮތުންނެވެ. ދޮންބަންޑާރައިންގެ ޙާދިސާއިން ޒުވާނުން ލިބިގަންނަންވީ އިބުރަތްތަކާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް ވިދާޅުވީ، މިޙާދިސާގެ އިބުރަތުން ޤައުމަޓްކައި ޚާލިސްވެ، ޤުރުބާންޖެހޭ ގޮތަށް އަޅުގަނޑުމެންގެ އަމަލުތަށް ބެހެއްޓުމަކީ އެންމެ މުހިންމު ކަންތައްކަމަށެވެ.

”އެއިބުރަތުން ޤައުމަށްޓަކައި ޚާލިސްވެގެން ، ޤައުމަށްޓަކިއ އެބަޖެހޭ އަމާޒުކުރެވިގެން ދާ ގޮތަށް އަޅުގަނޑުމެންގެ އަމަލުތަށް ބެހެއްޓުމަކީ އެންމެ މުހިންމު އެއް ކަންތައް. ކިހިނެއްވެގެންތޯ ރާއްޖެ ސަލާމަތް ކުރަންޖެހޭ ގޮތަށް ރާއްޖޭގެ ކަންތައް މެދުވެރިވީ، ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ މީހުންނަށް ދައުވަތު ދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ،” ޢައްބާސް ވިދާޅުވިއެވެ.

ހުރަވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙާއި، ހޯމް މިނިސްޓަރާއި، ދަޢުލަތުގެ ވަޒީރުންނާއި ސްކޫލް ކުދިން ވަނީ ބައިވެރިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close