ޚަބަރު

އެއާޕޯޓްތަކުންދޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ނައިބު ރައީސް އެދިވަޑައިގެންފި


އެއަރޕޯޓްފަދަ ތަންތަނަކީ ޚިދުމަތް ހޯދަން އެކި ހިސާބުތަކުން މީހުން އަންނަ ތަންތަންކަމަށާއި، އެހެންކަމުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ކަންކަން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީބު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެކަމަށް އެދިވަޑައިގަތީ ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުގެ ގޮތުން މިއަދު ހަވީރު ހޯރަފުށީ އެއާރޕޯޓް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރާއްޖެ ލާމަރުކަޒުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށާއި އެކަން ފުރިހަމަކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރެވެމުންދާތަން މިހާރު ފެންނަމުން އަންނަކަމުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކިދާއިރާތަކުން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ މި 3 އަހަރުގެ ތެރޭގައި ކުރިޔަށްގެންދަވާކަން ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޯރަފުށީ އެއަރޕޯޓްގެ މޮނިއުމަންޓް ހުޅުވައިދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ރީޖަނަލް އެއަރޕޯޓުގެ ފަރާތުންނާއި ހޯރަފުށީ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.

ހޯރަފުށީ އެއަރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ބޭއްވި ގަސްއިންދުމުގެ ޙަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެއަރޕޯޓް ސަރަޙައްދުގައި ގަސް އިންދަވާދެއްވާފައެވެ.

މީގެ އިތުރުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޯރަފުށީ ހެލްތު ސެންޓަރާއި ހއ.އަތޮޅު ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވައިލައްވައި މުވައްޒަފުންނާ މަޝްވަރާކޮށްލައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close