ޚަބަރު

ހަންޏާމީދު ކައުންސިލްއިދާރާ ފަޅާލައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

އދ. ހަންޏާމީދޫ ކައުންސިލްއިދާރާ ފަޅާލައި އެތާންގެ ތިޖޫރީގައި ހުރި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ހަންޏާމީދު ކައުންސިލްގެ ޒިންމާދާރު ވެރިޔާ ސައިފުﷲ މޫސާ އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެރަށު ކައުންސިލްގެ އިދާރާ ފަޅާލާފައިވާކަމަށް ބޮޑަށް ލަފާ ކުރެވެނީ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށާއި، އެގޮތުން ކައުންސިލްގެ އިދާރާ ތެރެއަށް ވަދެފައި ވަނީ ކުޑަ ދޮރެއްގެ ތަންޑު ނައްޓާލައިގެންކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަންޏާމީދޫ ކައުންސިލްގެ އިދާރާގައި ސެކިއުރިޓީން ނުތިބެއެވެ. އެހެންކަމާއެކު އަސްލު ވަގުން ވަދެފައިވަނީ ކޮންއިރަކު ކަމެއް ސާފުކޮށް އެނގޭކަން ނެތެވެ.

ވަގުންވަނީ ތިޖޫރީގެ މަތިގަނޑު ނައްޓާލުމަށްފަހު ތިޖޫރީ ތެރޭގައި ހުރި ހުރިހާ ފައިސާއެއްވަނީ ވަގަށް ނަގާފައިވާކަމަށް ސައިފުﷲ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގެ އިންޓަނެޓްވެސް ކަނޑާލާފައި ހުރިކަމަށް ސައިފުﷲ ވަނީ ވަނީ ވިދާޅުވެފައެވެ. “ސޭފް ރޫމް ތެރޭގައި ހުންނާނީ ސާރވާއާއި ރައުޓާރއާއި އެއްޗެހި، ރައުޓާރުގެ ސުވިޗް ހުރީ އޮފް ކޮށްލާފައި” ސައިފުﷲ ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށައެޅުމުން އެ އަތޮޅު މަހިބަދޫއިން ފުލުހުންގެ ޓީމެއް އެރަށަށް އައިސް ޕޮރެންސިކް މަޢުލޫމާތުތައް ނެގުމަށްފަހު މިހާރު ވަނީ ފުރާފައެވެ. އަދި މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close