ބޭރުދުނިޔެ

ލަންކާގެ ވަގުތީ ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފި

ސްރީލަންކާގެ ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރައްވައިފިއެވެ.

” އާންމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އާންމު މަސްލަހަތު އިސްކޮށް، އާންމު ނިޒާމަށް ރައްކާތެރިވުމަށާއި މުޖުތަމައުގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ސާމާނާއި ހިދުމަތްތައް ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަމެއް،” ކުއްލި ނުރައްކަލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފާއިތުވި މަސްތަކުގައި ސްރީލަންކާގައި ދަނީ އިގުތިސޯދީ އަދި ސިޔާސީ ގޮތުން ބޮޑު ކާރިސާއަކާ ހަނގުރާމަ ކުރަމުންނެވެ. ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫރީ ބާވަތްތަކުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ އެ ގައުމުން ދަނީ ބޮޑެތި ފިއްތުންތަކާ ކުރިމަތިލަމުންނެވެ.

ސިޔާސީ ލީޑާޝިޕާމެދު އާންމުންގެ ނުރުހުމާއި ރުޅިވެރިކަން އިންތިހާއަށް ބޮޑުވެ، ރައީސް ގޮޓަބާޔަ ރާޖަޕަކްސައަށް މަޖުބޫރުވީ ގައުމުން ފިއްލަވައިގެން ވަޑައިގެން ޕާލަމެންޓަށް އިސްތިއުފާގެ ސިޓީއެއް ފޮނުވުމަށެވެ.  ޕާލަމެންޓުން އެކަން ވަނީ ހުކުރު ދުވަހު ބަލައިގެންފައެވެ.

ބޮޑުވަޒީރުކަން ކުރައްވަމުން ގެންދެވި ވިކްރަމަސިންހަ ވަނީ ވަގުތީ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ.

ސްރީލަންކާގެ ޕާލަމެންޓުން ހޮނިހިރު ދުވަހު އާ ރައީސަކު ހޮވުމުގެ މަސައްކަތް ފެށުމަށް ބައްދަލުކޮށްފައިވާ އިރު، ކާރިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ގައުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުމުގެ ގޮތުން ތެލުގެ ޝިޕްމަންޓެއް ވެސް ވަނީ ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close