ލަންކާގެ ރައީސް ގޮޓާބަޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވަން ނިންމަވައިފި
ޕްރެޝަރތަކަށް ކެތްނުކުރެއްވިގެން ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ އަންނަ ބުދަ ދުވަހު އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
ރައީސް ގޮޓާބަޔަން އިސްތިއުފާދެއްވަން ނިންމެވިއިރު، އޭގެ ކުރިން ސުރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވެސް ވަނީ އިސްތިޢުފާދެއްވާނެކަން ހާމަކުރައްވާފައެވެ.
ލަންކާގެ ރައީސް އިސްތިއުފާ ދެއްވާނެކަން އަޑުތަކެއް އެރިނަމަވެސް މިހާތަނަށް އެޚަބަރުގެ ސައްހަ ކަމެއް ކަށަވަރު ވެފައިނުވެއެވެ. ނަމަވެސް މީގެ އިރުކޮޅެއް ކުރިން ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ މި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަން އަންގަވައިފައިވާކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި ގޮޓާބަޔަ އިސްތިއުފާ ދެއްވަން މުއްދަތެއް ކަނޑައެޅުއްވީ ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށެވެ. ބޮޓާބަޔަ އިސްތިއުފާ ދެއްވުމުގެ ލަންކާގެ ރައީސަކަށް ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ހުންނަވާނީ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާއެވެ.
ރައީސް ގޮޓާބަޔަ އިސްތިއުފާ ދެއްވާފައި މިވަނީ ސިޔާސީ ބައެއް ލީޑަރުން ވަނީ ގޮޓާބަޔަ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އިސްތިއުފާ ދެއްވުމަށް މުހުލަތުވެސް ދީފައިވަނިކޮށެވެ.
ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ރަނިލްގެ ގެކޮޅަށް ޢާއްމުން ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ދީފައިވަނިކޮށް ރަނިލް އިސްތިޢުފާދެއްވަން ނިންމަވާފައިވަނީ އެ ޤައުމުގެ ސިޔާސީވެރިންނާ ބައްދަލުކުރެއްވުމަށްފަހުއެވެ. އެ ބައްދަލުކުރެއްވުމުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.
ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއާ ގުޅިގެން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ވެރިރަށް ކޮލަމްބޯގައި އިތުރު މުޒާހަރާތަކެއް ބޭއްވުމުން އެ ރަށުގައިވަނީ ކާފިޔު އިޢުލާނުކޮށްފައެވެ. ނަމަވެސް ސަލާމަތީ ބާރުތަކުގެ އަމުރަށް ބެލުމެއް ނެތި ރެކޯޑު ޢަދަދެއްގެ ބަޔަކުވަނީ މަގުމައްޗަށް ނުކުމެފައެވެ. އެންމެ ފަހުގެ މުޒާހަރާތަކުގައި ބައިވެރިވެފައިވާ މީހުންގެ ތެރޭގައި ގިނައީ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނެވެ.



