ކުޑަކުދިންގެ ކަންކަން ބެލުމުގައި ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ: މެޑަމް ފަޒްނާ
ކުޑަކުދިންގެ ކަންކަން ބެލުމުގައި ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައި ވަނީ މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި “ޕޮލިސް ކޮންފަރެންސް އޮން ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން: ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން” ފެށުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ތިން ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ މޯލްޑިވްސް ޕޮލިސް ސަރިވިސަސްއާއި ޔުނިސެފް މޯލްޑިވްސް އިން ގުޅިގެން ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނާ ގުޅޭގޮތުން ހުރި ޤާނޫނުތަކަށް ފުލުހުންގެ ހިންގުމުގެ ދާއިރާގެ ބޭފުޅުން އަހުލުވެރިކުރުމާއި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކުރިޔަށް އޮތް 18 މަސްދުވަހަށް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަނެ އެ އެކްޝަން ޕޭލޭންތައް ތައްޔާރުކުރުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ ވަކި ވަކި މުއައްސަސާތަކުން ކުޑަކުދިންގެ މައްސަލަތަކުގައި ޢަމަލުކުރާގޮތުން، މުޖުތަމަޢުގެ މެދުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ރާއްޖޭއިން ގެންގުޅޭ ނިޒާމާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވާކަމަށާއި، ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ވަކި ވަކި މުއައްސަސާތަކުން ބޭނުންވާ ކަންކަމުގެ ކުރިޔަށް އެކުދިންގެ ރައްކާތެރިކަން އިސްކޮށް ހުރިހާ މުއައްސަސާތަކުންވެސް އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
އަދި، އެކަމަނާ ވަނީ ކުޑަކުދިންގެ ކަންކަން ބެލުމުގައި ރާއްޖެއަކީ އިންސާނީ ވަޞީލަތް މަދު ޤައުމެއްކަމުން މިފަދަ ކަންކަމުގައި ލިބެން ހުރި ވަޞީލަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމުންކަމަށް ފާހަގަކުރައްވާފައެވެ.
