ޚަބަރު

42 ކިލޯ ޑްރަގް ފެނުނު މ. ލަވްނެސްޓް އިތުރަށް ބަލައި ފާސްކުރަނީ


މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު، މ. ލަވްނެސްޓް ގޭގައި ވަޅުލާފައި ހުރި، 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުން ފުލުހުންނަށް ހެދުނު ގޯހެއްގެ ސަބަބުން ސަލާމަތްވެފައި ވަނިކޮށް، އެގޭގައި އަނެއްކާވެސް އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

މިދިޔަ މާޗު މަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓާ ނާކޮޓިސް އިންޓެލިޖެންސުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އާއި އުމުރަށް ޖަލަށް ލާފައި ވަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލި ފަހުން މަސްތުވާތަކެތި ޓްރެފިކިންގެ މައްސަލައެއްގައި ހައްޔަރުކުރި ނަޝީދުއެވެ.

އެގޭގައި ޑްރަގް އޮޕޮރޭޝަނެއް ކުރިއަށްގެންދާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ގެ މިފަހަރު ވެސް ފާސްކުރަނީ ޑްރަގް ފޮރުވައިގެން ގެންގުޅޭ ކަމަށް ލިބުނު އާ މައުލުމާތަކާ ގުޅިގެންނެވެ.

މިމައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ޕީޖީ އޮފީހުން ވިދާޅުވީ މ.ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުޞަތު ލިބި އެގެ ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށެވެ. ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ.ލަވްނެސްޓަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަޙުޤީގަށް ނަގައި ތަޙުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އަދި މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ޤަރީނާ ހޯދިފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close