ޚަބަރު

ޕީ.އެސް.އައި.ޕީ ގައި ހިމަނައިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން 3 ސްކޫލެއްގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން 3 ސްކޫލެއްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޖާގަ އިތުރުކުރުމަށް ނިންމާފައިވާ 3 ސްކޫލަކީ ކުޅުދުއްފުށީ ސިޓީ އަފީފުއްދީން ސްކޫލާއި، ނ. މާފަރު ސްކޫލުގެ އިތުރުން ރ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ވަކިވަކިން ބޭއްވެވި ރަސްމިއްޔާތުތަކެއްގައި މި 3 ސްކޫލުގެ މަސައްކަތް އަމިއްލަ 3 ބަޔަކާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ. މި 3 މަޝްރޫޢަކީވެސް 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫޢުތަކެއް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކުޅުދުއްފުށީ ސިޓީ އަފީފުއްދީން ސްކޫލުގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ނީލާ ނަސީރެވެ. މި މަސައްކަތަށް 7.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް ދީފައިވަނީ 365 ދުވަހުގެ މުއްދަތެކެވެ.

ނ. މާފަރު ސްކޫލުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން 4 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެޑިއުކޭޝަނުން ޙަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ. ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހިލްމީއެވެ.

މި މަސައްކަތަށް 20.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢު ސްވިފްޓް އިންޖިނިއަރިންގއާއި ޙަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ރ .އަތޮޅު ތަޢުލީމީ މަރުކަޒު 2 ބުރި އިމާރާތުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. އަދި ބަދަހި އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސެކްރެޓަރީ ޝިއުޒް ފަރީދެވެ.

މި މަސައްކަތްވެސް އެޑިއުކޭޝަނުން ޙަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2 ބުރި އިމާރާތުގެ މަސައްކަތަށް 8.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close