ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ނަސީބު ރަނގަޅު ބައެއް – ހޯމް މިނިސްޓަރ
ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ނަސީބު ރަނގަޅު ބައެއް ކަމަށާއި، އެގޮތުން ގުދުރަތީ މުއްސަނދިކަމާއި އެއްވަރަށް ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އަޚްލާޤީ ރީތި ސިފަތަކަކީ ރާއްޖެއަށް އެކި ދުވަސްވަރު ދަތުރުކުރި ފަރާތްތަކުގެ މެދުގައިވެސް މަޤުބޫލުވި ސިފަތަކެއްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް އިމްރާން އިތުރަށް ވިދާޅުވީ ދިވެހިން މާތްވެގެންވާ އިސްލާމްދީން ޤަބޫލުކުރި ހިސާބުން ދިވެހިންގެ ސިފަތައް އިތުރަށް ފުރިހަމަވެގެންދިޔަކަމަށާއި، ރާއްޖެ އިސްލާމްވި ޙާދިސާއަށް ނަޒަރު ހިންގާލުމުން ދިވެހިންގެ ރިވެތި އަޚްލާޤީ ސިފަތައް ހާމަވެގެންދާކަމަށެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނާއި ނާއިބްރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ ޤައުމިއްޔަތަކީ ކާބަފައިން ގެނެސްދީފައިވާ ބޮޑު އަމާނާތެއްކަމަށާއި، އެކަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މި ޖީލުގެ ކޮނޑުގައި އެޅިފައިވާ މުހިއްމު ޒިންމާއެއްކަމަށެވެ. އެހެންނަމަވެސް މިކަން ކުރުމުގައި މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގައި ޒުވާން ޖީލު ޖެހި، ހަލާކުވެގެން ދިއުންކަން މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމްދީން އެއް ޖީލުން އަނެއް ޖީލަށް ނަކަލުކުރުމުގެ ޒިންމާއަކީ އެއްވެސް އިރެއްގައި ހަމައެކަނި އެ ޤައުމެއްގެ ސަރުކާރަށް އޮތް ޒިންމާއެއްނޫންކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، މިކަމުގައި ފަރުދީ ޒިންމާވެސް މުހިއްމުކަމަށެވެ. އެގޮތުން ތަޢުލީމީ ނިޒާމުގެ ތެރެއިން އިސްލާމީ ރިވެހި އަޙްލާޤު ކުދިންގެ ކިބައިގައި އަށަގެންނެވުމަށް މުދައްރިސުންނާއި ބެލެނިވެރިންނަށް ބާރުއެޅިދާނެކަމަށާއި، ދީނީ ޢިލްމުވެރިންނަށްވެސް މިކަމުގައި އެއްބާރުލުން ދެވިދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ހަރުކަށިކަމާއި ނޭއްގާނީ ސިފަތައްދޫކޮށް، އިސްލާމީ ރިވެތި އަޙްލާޤުގެ ތެރެއިން ޒުވާނުންނަށް ހެޔޮ މަގު ދައްކައިދިނުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

