ބޭރުދުނިޔެ

އިސްރާއީލުގެ އަޔަން ޑޯމް “މިސައިލް ޑިފެންސް ސިސްޓަމް” ގަތުމަށް ބޭނުންވާ ކަމަށް ޔޫކްރެއިން އިން ބުނެފި

ރަޝިޔާގެ އުދުވާންތަކުން ޔުކްރެއިންގެ ޢާއްމު ރައްޔިތުން ދިފާއު ކުރުމަށް ކަމަށްބުނެ އިސްރާއިލްގެ އަޔަން ޑޯމް ރޮކެޓް އިންޓަސެޕްޝަން ސިސްޓަމް ޔޫކްރެއިންއަށް ގަތުމަށް ބޭނުންވާ ކަމަށް ޔޫކްރޭންގެ ސަފީރު ވިދާޅުވެއްޖެ އެވެ.

މިސައިލް ޑިފެންސް ސިސްޓަމް ވިއްކުމަށް އިސްރާއީލުން ދެކޮޅު ހަދާ ކަމަށް ޔޫކްރެއިން އިން ތުހުމަތު ކުރަމުންދާއިރު، ޔޫކްރެއިން އިން ބުނެފައިވަނީ އިސްރާއީލު ސަރުކާރުން ޔޫކްރޭނަށް ދޭ ބަހުގެ ތާއީދު އަސްކަރީ އެހީތެރިކަމާއެކު ދިނުން މުހިންމުކަމަށެވެ. ޓެލް އަވީވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަފީރު ވިދާޅުވީ ޔޫކްރޭނުން ބޭނުންވަނީ އަޔަން ޑޯމް ސިސްޓަމް ގަންނަން ކަމަށާއި އެމަކާ އެމެރިކާއިން ދެކޮޅު ނުހަދާނެ ކަމަށެވެ.

އިސްރާއީލުގެ އަޔަން ޑޯމް އުފެއްދުމާއި ބެލެހެއްޓުމަށް އެމެރިކާއިން މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭތާ ގާތްގަނޑަކަށް ދިހަ އަހަރު ވެފައިވާ ކަމަށް ކޮންގްރެސްގެ ރިސާޗް ސާވިސް އިން ބުނެފައި ވާއިރު، މި ނިޒާމަކީ އިސްރާއީލަށް ފޮނުވާލާ ކުރު ރާސްތާގެ ރޮކެޓްތައް ހުއްޓުވައި ނައްތާލުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

އަދި އިސްރާއީލުގެ ލައިސަންސް ލިބިފައިވާ “ސްޕައިކް” އެންޓި ޓެންކް މިސައިލްތައް ޔޫކްރޭނަށް ފޯރުކޮށްދިނުމަށް ޖަރުމަނުން އެދުމުން އިސްރާއީލުން މިދިޔަ ހަފްތާގައި ދެކޮޅު ހަދާފައިވާ ކަމަށް ވެސް ސަފީރު ކޮރްނިޔުޗުކް ވިދާޅުވި އެވެ.

އިސްރާއީލުން ޔޫކްރޭނަށް ދޭ ތާއީދު އިންސާނީ އެހީއަށް ހަނިކޮށްފައިވާއިރު، އެގައުމުގެ ތެރޭގައި ފީލްޑް ހޮސްޕިޓަލެއް ހިންގި ހަމައެކަނި ގައުމަކީ ވެސް އިސްރާއީލެވެ.

ޔޫކްރޭނަށް އަސްކަރީ ގޮތުން އެހީތެރިވުމަކީ އަވަށްޓެރި ސީރިއާގައި އަސްކަރީ ނުފޫޒު އޮންނަ ރަޝިޔާ ޤަބޫލު ކުރާނެ ކަމަކަށް ނުވާތީ އެކަމާ އިސްރާއީލުން ބިރުގަނެއެވެ. ސީރިއާގައި ދުޝްމަނުންގެ އަމާޒުތަކަށް ގިނަގިނައިން ހަމަލާދޭ އިސްރާއީލުން ސަލާމަތީ ކޯޑިނޭޝަން ހެދުމަށް ބަރޯސާވެފައިވަނީ ރަޝިޔާއަށެވެ.

މިކަންކަމާއި ބެހޭގޮތުން އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން އެއްވެސް ބަހެއް އަދި ނުބުނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close