ކުމުންދޫ ނޭޗަރ ޕާކްގައި ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއް ދީފި
ހދ.ކުމުންދޫ ނޭޗަރ ޕާކްގައި އަލިފާން ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއްދީފިއެވެ.
ކުމުންދޫ ކައުންސިލްގެ ނައިބުރައީސް ޢަލީ އަންވަރު އާއި ހަވާލާދީ ޕީއެސްއެމްނިއުސް އޮންލައިން ވެބްސައިޓްގައި ބުނެފައިވަނީ ރޯކޮށްލާފައިހުރީ އެ ޕާކްގައި ހުންނަ ހަޓްގައި ކަމަށެވެ. މިކަމުގެ ރިޕޯޓް ކައުންސިލަށް ލިބުނީ ހެނދުނު 5:40 ހާއިރުކަމަށާ، އެވަގުތު އެތަނަށް ދިޔައިރު ހަޓްގައި ރޯވެފައިހުރި އަލިފާންގަނޑު ނިވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކުޅި ހުރަސްކޮށް ހަޓަށްދާން ހަދާފައި އޮންނަ ވޯކްވޭގައިވެސް އަލިފާން ރޯވެފައި ހުރުމުން އެތަން ބަލަހައްޓާ ކުއްޖާއާއެކު އެ ދެމީހުން އެތަން ނިއްވާލިކަމަށް އަލީ އަންވަރު ވިދާޅުވިއެވެ.
މީ ގަސްތުގައި ބަޔަކު ދީފައިވާ ގެއްލުމެއްކަމަށާ ކައުންސިލުން މިކަން ކުށްވެރި ކުރާކަމަށް އަލީ އަންވަރު ވިދާޅުވިއެވެ. ގަސްތުގައި އަންދާލާފައިވާކަމަށް އަންވަރު ސިފަކުރެއްވީ އެޕާކްގެ ވޯކްވޭ ދިއްލުމަށް ޖަހާފައި ހުރި ލައިޓްތަކަށް ގެއްލުންދީފައި ހުރުމުންނެވެ. 12 ފޫޓް 12 ފޫޓްގެ ހަޓް އެއްކޮށް އަނދައި ހުލިވެފައިވާއިރު، އަލިފާނުގެ ސަބަބުން ވޯކްވޭގެ ބައެއް ލައިޓްތައްވެސް ވަނީ އަނދައި ހުލިވެފައެވެ.
އަލިފާނުގެ ހޫނުން ކަނޑޫފަލަށް ގެއްލުންތަކެއް ލިބޭނެކަމަށް ބެލެވޭކަމަށާ، އެ ކުޅީގައި އުޅޭ ބައެއް މަސްތައް މަރުވުމުގެ ފުރުސަތުވެސް އޮތްކަމަށް އަންވަރު ވިދާޅުވިއެވެ.
ސަރުކާރުން މިތަން ޙިމާޔަތްކުރީ ގިނަ ޢަދަދެއްގެ ކަނޑޫފާ އެސަރަހައްދުގައި އޮވެ ގުދުރަތީ ގޮތުން މުއްސަނދިތަނަކަށް އެތަން ވުމުންނެވެ.
މިނޭޗަރޕާކު ތަރައްޤީކޮށްފައިވަނީ އެރަށުގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ކުރެވި ޖަމްޢިއްޔާއާއި އެޖަމްޢިއްޔާގެ ދަށުން ހިންގާ ޒީރު ސްޕޯޓްސް ކްލަބުންނެވެ.



